Sat, 25 January, 2020, 11:39 am
ދުނިޔޭގެ އެންމެ ދިގު ތުނބުޅި ހުރި މީހާ މަރުވީ އަމިއްލަ ތުނބުޅި މައްޗަށް ފައިން އެރިގެން

1560ގެ އަހަރުތަކުގައި އޮސްޓްރިއާގައި ދިރިއުޅުނު ހާންސް ސްޓެއިނިންގާރ ނަމަކަށް ކިޔާ މީހަކީ އެޒަމާނުގައި ދުނިޔޭގައި އެންމެ ދިގު ތުނބުޅި ހުރި މީހާގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހެކެވެ. އެދުވަސްވަރު ގިނިސް ވޯލްޑް ބުކް އޮފް ރެކޯޑްސް ފޮތް އޮތް ނަމަ ހާންސްގެ 4.5 ފޫޓު ދިގު ތުނބުޅިއަށް އެފޮތުން ޖާގައެއް ލިބުމަކީ ޔަގީންކަމެކެވެ. ހާންސްގެ އުފަން ރަށް ބްރޯނޯ އެމް-އިން އަކީ މަޝްހޫރު އެކްޓަރު ޗާލީ ޗެޕްލިންވެސް އުފަންވިކަމަށް ބައެއް މީހުން ބުނާ ރަށެކެވެ.

ހާންސް މަޝްހޫރުވެފައިވަނީ އެ ޒަމާނުގައި ދުނިޔޭގައި ހުރި އެންމެ ތުނބުޅި ދިގު މީހާގެ އިތުރުން އަމިއްލަ ތުނބުޅި މައްޗަށް ފައިން އެރުމުގެ ސަބަބުން މަރުވި މީހާގެވެސް ގޮތުގައެވެ. ތުނބުޅިއަކީ ފިރިހެނުން އަބަދުވެސް ފެޝަންއަކަށްޓަކައި ބެހެއްޓުމަށް ލޯބިކުރާ އެއްޗެއްކަމުގައިވީނަމަވެސް ކާކުތޯ ހީކުރައްވާނީ އަމިއްލަ ތުނބުޅީގެ ސަބަބުން އެމީހާގެ މަރާއި ކުރިމަތިލާން ޖެހިދާނެކަމަށް؟

ކޮންމެ ގޮތަކަށްވިޔަސް ހާންސް މަރުވިކަމަށް ބުނެވިފައިވަނީ ރޯވެ އަދަމުން ދިޔަ އަލިފާން ގަނޑަކުން ސަލާމަތްވުމަށް ދުވަނިކޮށް އަމިއްލަ ތުނބުޅި މައްޗަށް ފައިން އެރި އޭނާގެ ކަރު ބިންދައިގެންދިޔުމުގެ ސަބަބުންނެވެ. އޭނާގެ 445 އަހަރުވީ ތުނބުޅި އޭނާގެ އުފަންރަށުގައި ހުންނަ ދާރުލްއާސާރުގައި އަދިވެސް ފެންނަން އެބައޮތެވެ.