އަޙްމަދު
19 June 2017
މަޤްބޫލު ޙަބަރު

 މަޝްހޫރު ނަމުންނަމަ އިމޯޓަލް ޖެލީފިޝް އަކީ ސައިންސްވެރިން ބުނާގޮތުގައި ދުވަހަކުވެސް މަރުނުވާ ދިރޭ އެއްޗެކެވެ. ޖެލީ ފިޝްގެ ބާވަތެއްކަމުގައިވާ މި ވައްތަރަކީ ސައިޒުން އެންމެ 4.5 މިލިމީޓަރަށް ބޮޑުވާ އެއްޗެކެވެ. މިއީ ސައިންސްވެރިންނަށް އެނގިފައިވާ ގޮތުގައި ދުނިޔޭގައި މަރުނުވެ ދެމިހުންނަ ހަމައެކަނި ދިރޭ އެއްޗެވެ.  އުމުރުން ދުވަސްވުމުގެ ސަބަބުން މަރުވާ ނުވާ މި ޖެލީފިޝް މަރުވާ ހަމައެކަނި ގޮތްތަކަކީ  އެހެން ދިރޭ އެއްޗެއް މި ޖެލީ ފިޝް ކެއުން ނުވަތަ މި ޖެލީ ފިޝްއަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުންނެވެ.

އުމުރުން ވަކި ވަރަކަށް ދުވަސްވުމުން މި ޖެލީ ފިޝް މަރުވުމުގެ ބަދަލުގައި އަލުން އަބުރާ އޭގެ ޅަ އުމުރަށް ބަދަލުވާކަމަށްވެސް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. ސައިންސްވެރިން ބުނާގޮތުގައި މި އެއްޗިހި އުމުރުން ދުވަސްވުމުން އަބުރާ އޭގެ ޖުވެނައިލް ޕޮލިޕް ސްޓޭޓް ނުވަތަ ޅަ އުމުރުގައި ހުންނަ ސްޓޭޓަށް ބަދަލުވާއިރު މި ޖެލީފިޝްގެ  ފައިތައް ހަށިގަނޑުގެ އެތެރެއަށް ދަމައިގަތުމަށްފަހު ހަށިގަނޑު ސައިޒުން ކުޑަކޮށްލާކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

މި އެއްޗިހި ދެން ގެނބިގެން ދަނީ ފެންގަނޑުގެ އެންމެ އަޑިޔަށެވެ. އެއަށްފަހު އަނެއްކާވެސް އަލުން އުމުރުން ޅަ ޖެލީ ފިޝްއެއްގެ ގޮތުގައި މި އެއްޗިހި ފެންގަނޑުގެ ތެރެއަށް ދޫވެގެންދާކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

މިގޮތަށް ސައިންސްވެރިން ބުނެފައިވަނީ މި ވައްތަރުގެ ޖެލީ ފިޝް ބޭނުންކޮށްގެން އެތަށް ސަތޭކަ ތަހުލީލުތަކެއް ކުރުމަށްފަހުއެވެ. އެހެންނަމަވެސް ސައިންސްވެރިންނަށް ލެބޯޓަރީއިން ބޭރުގައި އިމޯޓަލް ޖެލީ ފިޝްގެ ދިރިއުޅުމުގެ މި ޕްރޮސެސް ބަލާލެވޭ ގޮތް އަދި ވަނީ ނުވެފައެވެ.

haftha.mv ©