ޝަހީދާ
23 April 2018
މަޤްބޫލު ޙަބަރު

މިދިޔަ ހުކުރު ދުވަހު ކަރުގައި ކުންނާރެއް ތާށިވެ  ކެނދިކުޅުދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ނިޔާވި ހަބަރަކީ މި މަސް ތެރޭގައި ލިބުނު އެންމެ ހިތާމަވެރި އެއް ހަބަރެވެ.

މި ލިޔުމުގައި މިބަލާލަނީ ކުއްޖެއްގެ ނުވަތަ މީހެއްގެ ކަރުގައި އެއްޗެއް ތާށިވެއްޖެނަމަ އެފަދަ ހާލަތެއްގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އެންމެ ފުރަތަމަ ކަމަކީ ހާލަތު ދެނެގަތުމެވެ. އެއްޗެއް ތާށިވުމުގައި ދެ ހާލަތެއް ވެ އެވެ. އެއީ އެއްކޮށް ތާށިވެ ނޭވާ ނުލެވޭ ވަރަށް ބެދުން އަދި ކޮންމެވެސް ވަރަކަށް ތާށިވެ ނޭވާ ލެވޭ ވަރަށް އަދި ވާހަކަ ދެކެވޭ ވަރަށް ތާށިވުމެވެ.

ނޭވާ ލެވޭ ވަރަށް އަދި ވާހަކަ ދެކެވޭ ވަރަށް ތާށިވެފައިވާނަމަ ކެއްސުމަށް ބާރު އަޅާށެވެ. ކެެއްސުމުން ތާށިވެފައިވާ އެއްޗެއް ބޭރުވުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ފެންފަދަ އެއްޗެއް ނުދިނުމަށް ހަނދާން ކުރާށެވެ. ފެން ފަދަ އެއްޗެއް ދީފިނަމަ ކަރުގައި ހަރުލާފައިވާ އެއްޗެއް ނެއްޓުމުގެ ބަދަލުގައި ދާނީ އެތެރެއަށެވެ.

ކަރުގައި އެއްޗެއް އެއްކޮށް ތާށިވެފައިވާނަމަ މިގޮތަށް އަމަލުކުރެވިދާނެ އެވެ.

މީހާ ގުދުކޮށްލުމަށްފަހު ބަނޑާ ދިމާލުގައި އެއްއަތް އެޅުމަށްފަހު ބުރަކަށީގައި (މެއާދިމާއަށްވުރެ ތަންކޮޅެއް މަތީގައި) މައްޗަށް ވާގޮތަށް ތެޅުން، ބާރަށް ނަމަވެސް އެހާ ބާރު ނުވާވަރަށް، ކޮންމެ ފަހަރަކު ޖެހުމަށްފަހު އެ އެއްޗެއް ނެއްޓިއްޖެތޯ ބަލާލުން، ކެއްސަން ފަށައިފިނަަމަ ޖެހުން ހުއްޓާލުން، މިގޮތަށް ކަން ކުރުމުގައި ކޮޅަށް ބަހައްޓާ  ނުޖެހުމަށް ސަމާލުކަން ދޭންވާނެ އެވެ. ކޮޅަށް ބަހައްޓާ ޖަހައިފިނަމަ ތާށިވެފައިވާ އެއްޗެއް އިތުރަށް ތާށިވާނީ އެވެ.

ބަނޑުގައި އަތް އަޅާ އެތެރެއަށް ފިތާލުން، މިގޮތަށް އަމަލު ކުރުމުގައި ފޮޓޯއިން އެ ފެންނަ ގޮތަށް އަތް ބެހެއްޓުމަށް ސަމާލުވުން، މޭ ކަށިގަނޑާއި ފޫޅާއި ދެމެދު އަތް އެޅުން  އަދި ކުއްލިއަކަށްފަދަ ގޮތަކަށް އެތެރެއަށް އަދި މައްޗަށް ވާގޮތަށް ފިތާލުން، މިގޮތަށް އަމަލު ކުރާއިރުވެސް ކެއްސަން ފަށައިފި ނަމަ ހުއްޓާލަން ވާނެ އެވެ.

ހޭނެތިފައިވާމީހަކު ނަމަ މޫނު އަރިއަށް ވާގޮތަށް ބޭއްވުމަށްފަހު ބަނޑަށް ފިތުން، ބަނޑަށް ފިތާއިރު މޫނު ސީދާވާގޮތަށް ނުބޭއްވުމަށް ސަމާލުކަން ދޭން ވާނެ އެވެ.

އެކަނި ހުންނަ ވަގުތެއްގައި އެއްޗެއް ތާށިވެއްޖެނަމަ ފުރަތަަމަ ކަމަކަށް ހާސް ނުވާށެވެ. އަދި ކެއްސޭތޯ މަސައްކަތް ކުރާާށެވެ. ނުކެއްސިއްޖެނަމަ އަމިއްލައަށް ގޮނޑިއެއް ނުވެތަ މޭޒެއް ފަދަ ތަނެއްގައި ބަނޑު ވިއްދާ އެތެރެއަށް ކުއްލި ގޮތަކަށް ވާގޮތަށް ފިތާލެވޭތޯ ބަލާށެވެ.

މާބަނޑު މީހެއް ނަމަ އަމަލުކުރުމުގައި ތީރުން އެ ފެންނަ ހިސަބުގައި ނަމަވެސް މޭ ކަށިގަނޑުން ތިރީގައި އަތް އެޅުން ރަނގަޅުވާނެ އެވެ.

ތުއްތު ކުއްޖެއް ނަމަ ފޮޓޯއިން ފެންނަ ގޮތަށް ތިރިއަށް ވާގޮތަށް އަތް މަތީގައި ބާއްވާށެވެ. އަދި ބުރަކަށީގައި އަތުން މަޑުމަޑުން ޖަހާލާށެވެ. ކުއްޖާ ތަންކޮޅެއް ބޮޑުނަމަ ގޮނޑިއެއްގައި އިށީނދެ އުނގުމަތީގައި ބޭއްވި ދާނެ އެވެ.

ކުޑަކުއްޖެއް ނަމަ ބުރަކަށީގައި ޖަގައިގެން ތާށިވެފައިވާ އެއްޗެއް ނުވެއްޓިއްޖެނަމަ ފަހަތުން ހިފާ ބާރުކޮށް ފިތާލެވިދާނެ އެވެ. އެގޮތަށް ފިތާއިރު މޭކަށްޓާއި ދިމާލުގައި  އަތް ނޭޅުމަށް ސަމާލުކަން ދޭންވާނެ އެވެ.

ހޭނެތިފައިވާ މީހަކަށް ސީޕީއާރު ދޭންވާނީ ކަރުގައި ތާށިވެފައިވާ އެއްޗެއް ނެގުމަށްފަހުގައި އެވެ. ކަރުގައި ތާށިވެފައިވާ އެއްޗެއް ނެގުމަށް މަސައްކަތް ކުރާއިރު  ހޮސްޕިޓަލަށް ގެންދިއުމަަށް ނުވަތަ ގެއަށް ޑޮކްޓަރަކު ގެނައުމަށް މަސައްކަތް ކުރެވިދާނެ އެވެ.

haftha.mv ©