ޝަހީދާ
02 August 2018
މަޤްބޫލު ޙަބަރު

އިރުގެ ދޯދިން ވިޓަމިން ޑީ ލިބޭކަމީ މީގެ ކުރިންވެސް ހޯދިފައިވާ ހޯދުމެކެވެ. ނަމަވެސް އިރުގެ ދޯދިތަކުން ހަށިގަނޑަށް ވިޓަމިން ޑީ ލިބުމުގެ އިތުރުން ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ވެސް ދަށްކޮށްދޭކަމަށް ދިރާސާއަކުން މިހާރު ވަނީ ދައްކައިފި އެވެ.

ދުއިސައްތަ ފިރިހެނުން ބައިވެރިކޮށްގެން އިންޑިއާގެ ޕޫނޭގައި ހުންނަ ޖެހާންގީރު ހޮސްޕިޓަލާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޗިލްޑްރެންސް ހޮސްޕިޓަލް ގުޅިގެން ހެދި އެ ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން ހަ މަސް ދުވަހު އިރުގެ ދޯދިތައް ހޯދި މީހުންގެ ހަށިގަނޑުން ކޮލެސްޓްރޯލް ލެވެލް ދަށްވެފައިވާކަމަށް ވަނީ ދައްކާފައެވެ.

ހަށިގަނޑުން ވިޓަމިން ޑީ މަދުވުމަކީ ބައެއް ގައުމުތަކުގައި އާންމު ކަމެކެވެ. އެކަން އެގޮތަށްވަނީ އިރުގެ ދޯދިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުން ކަމުގައި ދިރާސާ ހެދުމުގައި ބައިވެރިވި ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ވިވޭކް ޕަތުވަރުދަން އަދި ޑރ. އަނޫރާދާ ކާދިލްކަރު ވިދާޅުވި އެވެ.

އަދި އެ ދިރާސާކުރި ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އިރުގެ ދޯދިތަކުގެ ސަބަބުން ކޮލެސްޓްރޯލް ދަށްވާ މިންވަރު ދެނެގަތުމަށް ދުނިޔޭ ފެންވަރުގެ ބޮޑު ދިރާސާއެއް ކުރުމަށެވެ.

 ނަމަވެސް އިރުގެ ދޯދީގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށް ދިރާސާއަކުން ދައްކާއިރު، ކޮންމެ ކޮންމެ ވަގުތެއްގައި އިރުގެ ދޯދިތަކަށް އިންސާނުން ދީލާލުމަކީ ރައްކާތެރި ގޮތެއް ނޫންކަމުގައި ބައެއް ދިރާސާތަކުން ދައްކައެވެ. އެގޮތުން އިރުގެ ދޯދިތަކަށް ހަށިގަނޑު ދީލާލަން އެންމެ ރަނގަޅީ ހެނދުނު ވަގުތުގައި ކަމަށާއި އަދި އެ ނޫން، މާ ބޮޑަށް ހޫނު ގަދަ ވަގުތުތަކުގައި އިރުގެ ދޯދިތަކަށް ހަށިގަނޑު ދީލާލާނަމަ ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©