މުޙައްމަދު އީމާން
08 October 2018
މަޤްބޫލު ޙަބަރު

ދިރާސާތަކުންނާއި ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުންނަމަ، ހަމަނިދި ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީ މީހާ ބަލިވުމަށް ނުވަތަ އުމުރު ކުރުވުމަށް މަގުފަހި ކުރުވާ ކަމެކެވެ. “ނިދި” ކޮންމެ އިންސާނަކަށްވެސް ވާޖިބު ވަނީ މިހެން ވެގެންނެވެ.

ބައެއް މީހުންނަށް ނިދުމަކީ މާކަ އުނދަގޫ ކަމެއް ނޫނެވެ. އެގޮތުން ނިދަން އޮށޯތުމާއި ނިދި ޖެހުމާ ދޭތެރޭ އެންމެ ސިކުންތެއް ހޭދަނުވާ މީހުންވެސް އުޅެއެވެ. އެއާ ހިލާފަށް ނިދޭތޯ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ނުނިދޭ ނުވަތަ ނިދި ޖެހެން ގަޑި ދެ ގަޑިއިރު ހޭދަވާ މީހުންވެސް އުޅެ އެވެ.

ކޮންމެއަކަސް މި ލިޔުމަކީ އެފަދަ މީހުންނަށް ހާއްސަ ލިޔުމެކެވެ. އެގޮތުން މި ލިޔުމުގައި ފަސޭހައިން ނިދާލެވޭނެ ބައެއް ގޮތްތަކަށް ބަލައިލާނަމެވެ.

ދުވާލު ގަޑީގައި ނިދުން ހުއްޓާލާ

ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދާލުމަކީ މީހާ ބޯހަމަޖައްސައިދޭނެ ކަމެކެވެ. އެހެންނަމަވެސް މާ ގިނަ އިރު ނިދުމަކީ މީހާގެ ރޭގަނޑުގެ ނިންޖަށް ބުރޫ އަރާ ކަމެކެވެ. އެހެންކަމުން ދުވާލު ގަޑީގައި ނިދާ ވަގުތުކޮޅު ވީހާވެސް ކުޑަކުރުން ވަރަށް މުހިއްމެވެ. އަދި ތިބާ އަކީ އިންސޯމްނިއާ ނުވަތަ ނިދަން ވަރަށް އުނދަގޫ މީހެއްނަމަ ދުވާލު ގަޑީގައި ތި ނިދާ ނިދުން މުޅިންހެން ހުއްޓާލަން ޖެހެއެވެ.

ރިލެކްސިންގ މިއުޒިކު

ރިލެކްސިންގ މިއުޒިކު ނުވަތަ ބޯ ހަމަޖައްސަން އެހީތެރިވެދޭ ޒާތުގެ މިއުޒިކަކީ ވެސް ފަސޭހައިން ނިދުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ރޭގަނޑު ނިދަން އޮށޯތުމަށްފަހު ނުވަތަ ނިދަން އޮށޯތުމުގެ ކުރިންވެސް އެ ފަދަ މިޔުޒިކެއް އަޑު އަހާލުމަކީ ޔަގީނުންވެސް މީހާ ރިލެކްސް ކޮށްދިނުމާއެކު ވަރަށް އަވަހަށް ނިދި ވެސް ޖެހިދާނެ ކަމެކެވެ.

ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީ ސިކުނޑީގައި ހުންނަ ސެރޮޓިނިންގެ ޕްރޮޑަކްޝަން އަވަސްކޮށްދޭނެ ކަމެކެވެ. ހަމައެއާއެކު އެއީ ކޯޓިސޯލް ނުވަތަ ސްޓުރެސް ހޯމޯން ލެވެލް ދަށް ކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން ގަވާއިދުން ކަސަރްތު ކުރުމަށް އާދަ ކުރާށެވެ.

haftha.mv ©