.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ދުވަހުގެ ބުރަ މަސައްކަތަށް ފަހު ބޯ ހާސްކަން ފިލުވާލާ ހިތްހަމަ ޖައްސާލާނެ މާހައުލެއް ކޮންމެ މީހަކުވެސް ބޭނުން ވާނެ އެވެ. އެގޮތުން އެކަމަށްޓަކައި އެކި މީހުން އެކި ގޮތްތައް ހިޔާރު ކުރެ އެވެ.

 އެއް ބަޔަކު ގުދުރަތީ މާހައުލެއްގައި ހިނގާލައިގެން ނުވަތަ ބައިސްކަލު ދުއްވާލައިގެން ބޯ ހާސްކަން ފިލުވާލާ އިރު އަނެއް ބަޔަކު އިހުތިޔާރު ކުރަނީ އަތިރިމައްޗެވެ. އެގޮތުން އަތިރި މަތީގައި ފިނިކޮށްލާ ރާޅު ޖަހާލާ އަޑު އަހާލުމަކީ އެމީހުންގެ ސިކުނޑިއަށް ފަރުވާ ލިބޭ ފަރުވާއެކެވެ.

އެހެންނަމަވެސް މި ފަދަ ކަންކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. ހާއްސަކޮށް މާލެ ފަދަ ކޮންސްޓްރަކްޝަން ޖަންގައްޔެއްގައި ދިރި އުޅޭ މީހުންނަށް މި ފަދަ ނަސީބެއް ލިބުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އެހެންކަމުން އެފަދަ މީހުންނަށް ދެން އޮތީ އެމީހުން ދިރިއުޅޭ މާހައުލު ނުވަތަ ގެ ހިތްގައިމު ތަނަކަށް ބަދަލު ކުރުމެވެ.

ގޭތެރެ ނުވަތަ ދިރުއުޅޭ މާހައުލު ހިތްގައިމު ތަނަކަށް ހެދުމަކީ މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. އެއީ އެކި ބާވަތް ބާވަތުގެ ގަސް ގޭތެރޭގައި އިންދައިގެން ވެސް ކުރެވިދާނެ ކަމެކެވެ.

އެގޮތުން ގޭތެރޭގައި އިންދުމަށް ހާއްސަ ތަފާތު ވައްތަރުގެ ބަގީޗާ ގަހާއި މާ ގަސް އަދި މޭވާ އަޅާ ގަސް އިންދުމަކީ މީހާގެ ބޯ ހާސްކަން ކުޑަކޮށްދޭ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ވެސް ގެނެސްދޭނެ ކަމެކެވެ.

ހަމައެހެންމެ، ތަފާތު ކުލަތަކުގެ މަސް އެކުލެވޭ މަސް ޓޭންކެއް ނުވަތަ މަސް ފެންގަނޑެއް ގޭތެރޭގައި ހެދުމަކީ ވެސް އެކަނިވެރިކަން ފިލުވާލާ ހިތަށް އުފާވެރިކަން ގެނުވާނެ ކަމެކެވެ.

އޭގެ އިތުރުން ދޫންޏާއި ބުޅާ ފަދަ ޖަނަވާރުތައް ގޭގައި ގެންގުޅުމަކީވެސް ބޯ ހާސްކަން ފިލުވާލާ ގޭތެރެ ހިތް ގައިމު ތަނަކަށް ހަދައިދޭނެ ކަންކަމެވެ.

މި ހުރިހައި ކަމަކާއެކު ވެސް ވައި ދައުރުވާނެ ތަނަވަސް ގޮތެއް ގާއިމު ކުރެވިފައި ހުރުމަކީ ގޭތެރޭގެ ހިތްގައިމުކަން އިތުރުކޮށްދޭ، ގޭގައި ގިނަ ވަގުތު ހޭދަ ކުރުމަށްވެސް ބާރު އަޅާނެ ކަންކަމެވެ.

haftha.mv 2004 ©