.
19 މާރޗް 2019
މަޤްބޫލު ޙަބަރު

ވިޓަމިން އޭ އާއީ ބީ އަދި ސީ އެކޭ އެއްފަދައިން ވިޓަމިން ޑީ އަކީވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި ހަމަ އެހައިމެ މުހިއްމު މާއްދާ އެކެވެ. ސަބަބަކީ ވިޓަމިން ޑީ ހަށިގަނޑުން މަދުވެއްޖެ ނަމަ ހަށިގަނޑުގެ މަސްތައް ބަލިކަށިވެ ކަށިތަކުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތި ވާނެ ތީ އެވެ.

ހަށިގަނޑަށް ވިޓަމިން ޑީ ލިބެން އޮތީ ދެ ގޮތަކަށެވެ. އެއީ އިރުގެ އަވިންނާއި ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުމެވެ.

އިރުގެ އަވިން ވިޓަމިން ޑީ ހޯދުމަށް، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ބައި ގައިޑިއެއްހާއިރު އަވީގައި ހޭދަ ކުރަން ޖެހޭނެ އެވެ. އަދި އެކަމަށް އެންމެ ރަނގަޅީ އިރު އަރައިގެން އަންނަ ވަގުތެވެ.

ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ހޯދުމަށް ދެން އޮތް ގޮތަކީ، ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުމެވެ. އެގޮތުން، ދަޅު މަހާއި، ސަލްމަން އަދި ސާޑައިންސް އަކީ ގިނަ އަދަދަކަށް ވިޓަމިން ޑީ އެކުލެވޭ ކާނާތަކެވެ.

އޭގެ އިތުރުން ކޮޑް ލިވާ އޮއިލް އާއި މަޝްރޫމް، އޮއިސްޓާ އަދި ބިހުގެ ރީނދޫ ބަޔަކީ ވެސް ވިޓަމިން ޑީ އެކުލެވޭ ކާނާތަކެވެ.

ވިޓަމިން ޑީ އެކުލެވޭ ކާނާ އާއި އިރުގެ އަވީގެ އިތުރުން، ހަށިގަނޑަށް ވިޓަމިން ޑީ ލިބޭނެ އެއް ގޮތެއް އަދި އެބަ އޮތެވެ. އެއީ ވިޓަމިން ޑީ ސަޕްލިމެންޓު ކެއުމެވެ. މިއީ އިރުގެ އަވިންނާއި ކާނާ އިން ވެސް އެކަށީގެންވާ މިންވަރަކަށް ހަށިގަނޑަށް ވިޓަމިން ޑީ ނުލިބޭހެން ހީ ވާނަމަ ހެދިދާނެ ގޮތެކެވެ. އެހެންނަމަވެސް އޭގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.

haftha.mv 2004 ©