މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުމަކީ ތަފާތު ބަލިތައް ހަށިގަނޑަށް ޖެހުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ހަށިގަނޑު ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހެއެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ އެކައްޗަކީ ތަރުކާރީ އާއި މޭވާއެވެ. އެހެންނަމަވެސް ތަރުކާރީ އާއި މޭވާ އާއްމުގޮތެއްގައި ކެއުމުގައި ހިމެނުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ފަހަރުގައި ކާން ޖެހޭ ބާވަތްތައް ގިނަ ކަމުން ކަމަށް ވެސް ވެދާނެއެވެ.

އެހެންކަމަށްވާނަމަ، ތަރުކާރީ އާއި މޭވާއިން ތައްޔާރު ކޮށްފައި ހުންނަ ޖޫހެއް ބޯލަން ކީއްތޯއެވެ؟ މިއީ ތަފާތު ވައްތަރުތަކުގެ ބާވަތްތައް ފަސޭހަކަމާއެކު އެއް ފަހަރާ ހަށިގަނޑަށް އެތެރެ ކޮށްލެވޭނެ ގޮތެކެވެ. އެގޮތުން އެފަދަ ބައެއް ޖޫސްތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

އާފަލާއި ކެރެޓް އަދި އޮރެންޖު ޖޫސް

ދެ ކެރެޓާއި އެއް އޮރެންޖު އަދި އެއް އާފަލު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ކޮށާފައި ހުރި މޭވާ ތަކާއި ފެން މިކްސަރަށް އަޅައި ރަނގަޅަށް ގިރާލަށެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ މާއްދާތައް ކަމަށްވާ ވިޓަމިން ސީ، ވިޓަމިން އޭ އަދި ވިޓަމިން ބީ 6 މި މޭވާތަކުގައި ގިނަ އަދަދަކަށް އެކުލެވެއެވެ.

އޮރެންޖާއި ގުރޭޕް ފުރުޓު ޖޫސް

އޮރެންޖަކާއި ގްރޭޕު ފުރުޓެއް ކުދިކޮށް ކޮށާލުމަށްފަހު މިކްސަރަށް އަޅައި ރަނގަޅަށް ގިރާލާށެވެ. ބޭނުންނަމަ ޖޫސާއެއް ބޭނުންކޮށްގެންވެސް ޖޫސް ހަދައިލެވިދާނެއެވެ.

އޮރެންޖާއި ގުރޭޕް ފުރުޓަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މޭވާ އެކެވެ. ވިޓަމިން ސީއަކީ ހަށިގަނޑަށް ގެއްލުން ދޭ ސަބްސްޓެންސްތަކުން ހަށިގަނޑު ދިފާއުކޮށްދޭ އެންޓިއޮކްސިޑެންޓާއި އެހެނިހެން ޕްރޮޕަޓީސް އެކުލެވޭ މޭވާއެކެވެ.

ބީޓްރޫޓު، ކެރެޓް، އިނގުރު އަދި ރީނދޫ

އެއް މީޑިއަމް ސައިޒުގެ ބީޓްރޫޓަކާއި ތިން ކެރެޓް، އެއް އޮރެންޖު، ލުނބޮއެއްގެ ދެބައިކުޅަ އެއް ބައި، އެއް މޭޒުމަތީ ސަމްސާ ރީނދޫ، 10 ގުރާމް އިނގުރު އަދި ހިމުން ކުރި ކުޑަ އަސޭމިރުސް ކޮޅެއް އެއްކޮށްލުމަށްފަހު މިކްސަރަށް އަޅައި ގިރާލާށެވެ.

މި ބުއިމަކީ ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ބީ އިން މުއްސަނދިވެފައިވާ ބުއިމެކެވެ. އޭގެ އިތުރުންވެސް އަޔަން އާއި ކެލްސިއަމް ވެސް މި ބުއިމުގައި އެކުލެވޭނެއެވެ.

haftha.mv 2004 ©