Thu, 28 May, 2020, 12:39 pm
ހިރުގަނޑުން ލޭ އަންނަނަމަ އޮތް ހައްލަކީ މިއީ!
0

ހިރުގަނޑުން ލޭ އައުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެގޮތުން، ސާފު ތާހިރުކަން ކުޑަ ވުމުގެ ސަބަބުންނާއި މާބަނޑުވުމުގެ ސަބަބުން އަދި ދަތް އުނގުޅަންޖެހޭ ގޮތް ނޫން ގޮތްގޮތަށް ދަތް އުނގުޅުމުގެ ސަބަބުން ވެސް ހިރުގަނޑުން ލޭ އަންނަ ގޮތް މެދުވެރިވެއެވެ.

ހިރުގަނޑުން ލޭ އަންނަނަމަ ދެން ވިސްނަންވީ ލޭއައުން މަނާ ކުރާނެ ގޮތަކާ މެދުގައެވެ. އެގޮތުން އެފަދަ ބައެއް ގޮތްތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

އަނގަ އާއި ދަތްތައް ސާފުތާހިރުކޮށް ގެންގުޅުން

ދަތްތައް ހަލާކު ކުރާ ޖަރާސީމުތައް ހިރުގަނޑުގައި އަށަގަތުމަކީ ހިރުގަނޑުން ލޭ އައުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ދަތްތަކުގެ ސާފުތާހިރު ކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީ، ކޮންމެ ދުވަހަކު ވެސް ދެ ފަހަރު ދަތް އުނގުޅުމަށް އާދަ ކުރަންވާނެއެވެ. ހަމައެއާއެކު ދަތްތައް ހުންނަނީ ސާފުތާހިރުކޮށްތޯ އަބަދުވެސް މޮނިޓާ ކުރަން ވާނެއެވެ.

ހައިޑުރޮޖެން ޕެރޮކްސައިޑުން އަނގަ ދޮވުން

ދަތްތައް ރީތިކޮށް އުނގުޅާލުމަށްފަހު ހައިޑްރޮޖެން ޕެރޮކްސައިޑުން އަނގަ ދޮވެލާށެވެ. އެއީ ހިރުގަނޑުން ލޭ އައުން މަނާކޮށްދޭ އަދި ހިރުގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ. އެހެންނަމަވެސް ހަނދާން ބަހައްޓާށެވެ. އޭގެން އަނގަ ދޮންނައިރު އެ ސޮލިއުޝަން ދިރުވާނުލުމަށް ސަމާލުވާށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ

ތިބާއީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ އެކަން ހުއްޓާލާށެވެ. ސަބަބަކީ ދުންފަތަކީ، ތަފާތު ވައްތަރުގެ ކެންސަރު ޖައްސުވައިދޭ އެއްޗެއްގެ އިތުރުން ހިރުގަނޑަށް ބަލި ޖެހުމަށް މަގުފަހި ކުރުވާ އެއްޗެކެވެ.

ވިޓަމިންސީ ހަށިގަނޑަށް ލިބޭ މިންވަރު އިތުރު ކުރުން

ހިރުގަނޑުން ލޭ އަންނަނަމަ، ވީހާވެސް ގިނައިން ވިޓަމިންސީ އެކުލެވޭ ބާވަތްތައް ކެއުމަށް އިސްކަން ދޭށެވެ. ވިޓަމިން ސީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާ އެކެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ވެއްޖެނަމަ، ހިރުގަނޑުން ލޭ އައުން މަނާކޮށްދީ ހިރުގަނޑުގެ އިންފެކްޝަނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލުކަން ހަށިގަނޑަށް ލިއްބައިދޭނެއެވެ.