.
08 February 2019
މަޤްބޫލު ޙަބަރު

އަނބުޅައަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ މޭވާއެކެވެ. ނަމަވެސް އަނބުޅައިން ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް ލިއްބައިދެއެވެ. އަނބުޅަ ގަހުގެ މޭވާގެ އިތުރުން، އެގަހުގެ މޫ، ތޮށި، ފަތް، ފަދަ ތަކެއްޗަކީ ވެސް ބޭނުންކުރެވިދާނެ ތަކެއްޗެވެ. އިގިރޭސިބަހުން hog plum / june plum އަކީ ދޮންވުމުން ރަތްކުލަ، މެރޫންކުލަ، އަދި ރީނދޫކުލައިގައި ވެސް ހުންނަ ހުތް ފޮނި، މޭވާއެކެވެ.

އަނބުޅަ އިން ލިބޭ ސިއްހީ ބައެއް ފައިދާތަކަށް ބަލާއިރު އަނބުޅައަކީ ކެލޮރީ ވަރަށް މަދުން ލިބޭ މޭވާ އެކެވެ. 100 ގުރާމްގެ އަނބުޅައިގައި ހުންނަނީ ގާތްގަނޑަކަށް 29 ކެލޮރީ އެވެ. އަނބުޅައިގެ އަހް، އަނބުގެ 100 ގުރާމްގައި 64 ކެލޮރީ ހުރެއެވެ. ހަކަތަ ނުވަތަ ކެލޮރީ މަދު އަނބުޅަ ކެއުމުން، ބަނޑުހައިކަން ފިލުވައިދީ، ގިނައިރު ބަނޑުހައިނުވެ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ އަނބުޅަ ބޭނުންކުރުމަކީ ހެޔޮވަރު ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުމަށް އެހީއަކަށް ވެއެވެ. މީގެއިތުރުން އަބުޅައަކީ ފައިބަރުން މުއްސަދިވެފައިވާ މޭވާއެކެވެ.

އަނބުޅައިގެ 100 ގުރާމްގައި 5.7 މިލިގްރާމްގެ ފައިބަރު ހުރެއެވެ. އެއީ ދުވާލަކަށް މީހަކަށް ބޭނުންވާ މިންވަރުގެ 23 އިންސައްތައެވެ. ފައިބަރަކީ ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓްގެ ވައްތަރެކެވެ. މިއީ ހަޖަމުކުރަން އުދަނގޫ މާއްދާ އެކެވެ. އެހެންކަމުން ފައިބަރުގެ ސަބަބުން، ބޮޑުކަމުދާ ތަކެތީގެ މިންވަރު އިތުރުކޮށް، ގޮހޮރުގެ މަސައްކަތް ހަލުވިކޮށް، ބަނޑުހިކުމުން ހިމާޔަތްކޮށް ރައްކާތެރިކޮށްދެއެވެ. ފައިބަރު ހަޖަމުކުރަން ގިނައިރު ނަގާތީ ބަނޑުހައިވުން އެކަމުގެ ސަބަބުން ކޮންޓްރޯލްވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ހިތުގެ ބަލިތަކާއި، ހަކުރު ބަލި ފަދަ ބަލިތަކުން ދުރުކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ.

އެންމެ އަނބުޅައެއް ކާލުމުން ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ ½ ލިބެއެވެ. ގާތްގަނޑަށް 100 މިލިގްރާމްގެ އަނބުޅައިގައި 34 މިލިގްރާމްގެ ވިޓަމިން ސީ ހުރެއެވެ. ފެނަށް ގިރޭ ވިޓަމިނެއްގެ ގޮތުގައި މަޝްހޫރު ވިޓަމިން ސީ އަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންތެރި ވިޓަމިނެކެވެ. ހަށިގަނޑުގައިވާ ޓިޝޫތައް އެކަތި އަނެކައްޗާއި ގުޅުވައި ލާމެހުމަށް ބޭނުންވާ ޕްރޮޓީން “ކޮލެޖަން” އުފެއްދުމަށް ވިޓަމިން ސީ އަކީ މުހިއްމު މާއްދާ އެކެވެ.

އަދި މިއީ ފާރުގަނޑު ފަސޭހަވުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. ނަތީޖާއެއްގެ ގޮތުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށް، ކެންސަރުގެ ބާވަތްތަކާއި، ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށް ދެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދީ، ހަށިގަނޑަށް ދަގަނޑު ނެގުމުގައި ވެސް އެހީތެރިވާ މާއްދާ އެކެވެ.

ސަތޭކަ ގުރާމްގެ އަނބުޅައިގައި 32 މިލިގްރާމްގެ ކެލްސިއަމް ހުރެއެވެ. އެއީ ދުވާލަކަށް ބޭނުންވާ ކެލްސިއަމްގެ ތިނެއް އިންސައްތައެވެ. ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށްދީ ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުންތެރި މާއްދާއެކެވެ. މީގެ އިތުރުން ނާރުތަކުގެ މަސައްކަތްތަކަށާއި މަސްތަކުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ވެސް ކެލްސިއަމް ބޭނުންވެއެވެ.

haftha.mv ©