މުޙައްމަދު އީމާން
10 February 2019
މަޤްބޫލު ޙަބަރު

އަލުއްވަކީ ތަފާތު ވައްތަރުގެ ކެއުން ތައްޔާރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުކޮށް ބޭނުން ކުރަމުން އަންނަ ތަރުކާރީ އެކެވެ. އެގޮތުން ތަފާތު ވައްތަރުގެ ފޮނި ކެއުންތަކާއި ކުޅި ކެއުން ތައްޔާރު ކުރުމަށް އަދި ހުހަށް ކެއުމަށް ވެސް އަލުއްވަކީ އާންމު އެއްޗެކެވެ.

އެގޮތުން ގިނަ މީހުން އަލުވި އާއްމުކޮށް ބޭނުންކޮށް އުޅެނީ އޭގެ ތޮށި މަށާލުމަށްފަހުއެވެ. އޭގެ ތޮއްޓަކީ ކާން އެހާ މީރު އެއްޗަކަށް ނުވުމުން އަލުވި ބޭނުންކޮށްގެން ތައްޔާރު ކުރާ ގިނަ ކެއުންތައް ތައްޔާރު ކުރަނީ ތޮށިގަނޑާ ވަކިކުރުމަށްފަހުގައެވެ.

ނަމަވެސް އެނގޭ ހެއްޔެވެ؟ އަލުއްވެކޭ އެއްފަދައިން އޭގެ ތޮއްޓަކީ ވެސް ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އެގޮތުން އެއީ ވިޓަމިން ބީ އާއި ވިޓަމިން ސީ އެކުލެވޭ އެއްޗެކެވެ.

ހަމައެއާއެކު އަޔަން އާއި ކެލްސިއަމް އަދި ޕޮޓޭސިއަމް އިން މުއްސަނދިވެފައިވާ އަލުވީގެ ތޮއްޓަކީ ގިނަ އަދަދަކަށް ފައިބާ ވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އޭގެ ކޮންމެ އައުންސެއްގައި ދެ ގުރާމް ފައިބާ އެކުލެވިގެންވާ ކަމަށްވެއެވެ.

އެހެންކަމުން މީޑިއަމް ސައިޒުގެ އަލުއްވެއްގެ ތޮށި ކައިފިނަމަ ހަތަރު ގުރާމް ފައިބާ ހަށިގަނޑަށް ލިބިގެންދާނެއެވެ. ހަމައެހެންމެ ހަށިގަނޑަށް އެ ލިއްބައިދިނީ ދެ މިލިގުރާމް އަޔަން އާއި 926 ގުރާމްގެ ޕޮޓޭސިއަމްއެވެ.

haftha.mv ©