Thu, 28 May, 2020, 11:34 am
ކައިވެންޏެއް ކުރުމުގެ ކުރިން އަމިއްލަ ނަފްސާ މި ސުވާލުތައް ކޮށްލުން މުހިއްމު!
0

ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. އެއީ ދިރިއުޅުމުގައި ނިންމޭ ވަރަށް ވެސް ބޮޑު ނިންމުމެކެވެ. މުޅި އުމުރު އެމީހަކާއެކު ހޭދަ ކުރާނެ ބައިވެރިއަކު މިލްކުކޮށް، އެ ބައިވެރިއަކާއެކު މުސްތަގުބަލުގެ ގަނޑުވަރު ބިނާ ކުރުމަށް އެޅޭ ބިންގަލެކެވެ.

އެހެންކަމުން ކައިވެންޏަކާ ދިމާލަށް ދިއުމުގެ ކުރިން ތިމާ އެކަމަށް ތައްޔާރު ތޯއާއި ތިމާއަށް ބައިވެރިއާއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެތޯ ދެނެގަންނަން ޖެހެއެވެ. އަދި ތިމާގެ މައިގަނޑު މަގްސަދަކީ ކޮބައި ކަމާއި ތިމާގެ ދިރިއުޅުމުގެ މިސްރާބު ހުރީ ކޮން ދިމާލަކަށްތޯ، ސާފުވެސް ވާން ޖެހެއެވެ. އެގޮތުން މި ލިޔުމުގައި،ކައިވެންޏެއް ކުރުމުގެ ކުރިން އަމިއްލަ ނަފްސާ ކޮށްލުން ރަނގަޅު ބައެއް ސުވާލުތަކަށް ބަލައިލާނަމެވެ.

ކައިވެނި ކުރަން ބޭނުންވަނީ ކީއްވެ؟

ކައިވެންޏެއް ކުރުމުގެ ކުރިން އަމިއްލަ ނަފްސާ ކޮށްލަން އެންމެ ރަނގަޅު އަދި އެންމެ މުހިއްމު އެއް ސުވާލަކީ މިއީއެވެ. ކައިވެނި ކުރަން ބޭނުންވާ ސަބަބު ނޭނގި ކައިވެނި ކުރުމަކީ ތިމާ އަށާއި އަދި ތިމާގެ ބައިވެރިޔާއަށް ވެސް ލިބޭ ބޮޑު ގެއްލުމަކަށް ވާނެއެވެ. އަދި ދިރިއުޅުން ވެގެންދާނީ މިސްރާބު ނޭނގޭ އޮޑިއަކަށެވެ.

އެހެންކަމުން، ތިމާ ކައިވެންޏަށް ފުރިހަމައަށް ތައްޔާރު ތޯ ބެލުމަށް އަދި ތިމާގެ މުސްތަގުބަލް ބައްޓަން ކުރާނީ ކިހިނެއްތޯ އާއި ދިރިއުޅުމުގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ތޯ ސާފު ކުރުމަށް އަމިއްލަ ނަފްސާ ކުރާ ފުރަތަމަ ސުވާލަކަށް މި ސުވާލު ކުރާށެވެ.

ބައިވެރިޔާ، ބައިވެރިޔާގެ ގޮތުގައި ބަލައިގަނެވޭނެ ތަ؟

ބައިވެރިޔާގެ ހުރި އުނި އަދި އެހެނިހެން ސިފަތަކާއެކު ބަލައިގަނެވޭނެތޯ އަމިއްލަ ނަފްސާ ސުވާލު ކުރާށެވެ. ކައިވެންޏަށްފަހު އެކަކު އަނެކަކުގެ ދިރިއުޅުން ބަދަލު ކުރުމަކީ ފަހަރުގައި ފަސޭހަ ކަމަކަށް ނުވެދާނެތީ މިއީ އަމިއްލަ ނަފްސާ ކޮށްލުން ރަނގަޅު ސުވާލެކެވެ.

ހަމަ އަސްލުވެސް ބައިވެރިޔާ އާ ކައިވެނި ކުރަން ބޭނުންތަ؟

މި ސުވާލަކީ، ވަގުތު ފާއިތު ވުމުގެ ކުރިން އަމިއްލަ ނަފްސާ ކޮށްލަން ޖެހޭ ވަރަށް ވެސް މުހިއްމު ސުވާލެކެވެ. ބައިވެރިޔާދެކެ ހަމަ ހަގީގަތުގައިވެސް ލޯބިވޭތޯ އާއި، ތިބާއަށް އަށް ބައިވެރިޔާއަށް އިތުބާރު ކުރެވޭތޯއާއި، އެއީ ތިބާއަށް އަޅާލާ، އަދި ތިބާގެ ފަރާތުންވެސް އެމީހަކަށް އަޅާލުމާއި އޯގާތެރިކަން ދެވޭނެ ތޯ އަމިއްލަ ނަފްސާ ސުވާލު ކުރެވިދާނެ އެވެ. އޭރުން ހަމަ ޔަގީނުންވެސް “ޕާފެކްޓް މެޗް” ހޯދުމަށް ފަސޭހަ ވެގެންދާނެއެވެ.