Thu, 28 May, 2020, 1:02 pm
އަލަށް އުފަންވާ ތުއްތު ކުދިން ފެންވަރުވާނީ ކިހިނެއް؟
0

އަލަށް އުފަންވާ ތުއްތު ކުދިން ފެންވެރުވުމަށް ވަރަށް ގިނަ ބެލެނިވެރިން ޖެހިލުންވެ އެވެ. ހާއްސަކޮށް އަލަށް ދަރިއަކު ލިބޭ މައިންބަފައިންނަށް މިކަން ވެފައިވަނީ ވަރަށް ވެސް ބިރުވެރި ކަމަކަށެވެ.

މި ލިޔުން މި ހާއްސަކޮށްލަނީ އެފަދަ ބެލެނިވެރިންނަށެވެ. މިއީ އަލަށް އުފަންވާ ތުއްތު ކުދިން ފެންވަރުވާނެ ގޮތާ ގުޅޭގޮތުން ޕޭރެންޓްސް.ކޮމް ގައި ހިމަނާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ.

އަލަށް އުފަންވާ ކުދިން ފެންވެރުމަށް އެންމެ ރަނގަޅީ ހަފްތާއަކުގެ ދޭއް ނުވަތަ ތިން ފަހަރު އެވެ. އަދި އެ ކުދިން ފެންވެރުވުމަށް ބޭނުން ކުރަން ވާނީ ތާފެނާ(ކުޑަކޮށް ހޫނު) ފެނެވެ.

އެންމެ ފުރަތަމަ ވެސް ތާފެނާ ފެން ފޮދެއް ބާތު ޓަބަށް އަޅާށެވެ. (ދޭއް ނުވަތަ ތިން އިންޗު ފުން މިން ހުންނަ ވަރަށް) އެއަށްފަހު ޓަބާ ދިމާވާ ގޮތަށް ދަރިފުޅު އަތް މަތީ ބާއްވައިގެން ނުވަތަ ޓަބް ތެރެއަށް ލުމަށްފަހު ދަރިފުޅުގެ ހަށިގަނޑަށް ފެން އަޅާށެވެ. ފެން އަޅާއިރު ހަނދާން ބަހައްޓާށެވެ. ދަރިފުޅުގެ ބޮލަށް ފެން ނާޅާށެވެ. ފެން އަޅާނީ ކޮނޑާ ވީ ދިމާލުން ފެށިގެން ފައިކޮޅާވީ ދިމާލަށެވެ. އަދި ދަރިފުޅު ހަށިގަނޑު ދޮވުމަށް ކުޑަކުދިންނަށް ހާއްސަ ބްރޭންޑެއްގެ ބާތު އެއް ބޭނުން ކުރާށެވެ.

އެއަށް ފަހު މަޑު ފޮތިކޮޅެއް (ކުޑަކުދިންގެ ގައިގައި އުނގުޅުމަށް ބޭނުންކުރާ)، ތާފެނާ ފެނުން ތެންމާލުމަށް ފަހު ދަރިފުޅުގެ ބޮލުގައި މަޑުން ހާކައި އިސްތަށިގަނޑު ދޮންނާށެވެ. މިކަން ކުރާއިރު ޝޭމްޕޫ (ކުޑަކުދިންނަށް ހާއްސަ ބްރޭންޑެއްގެ ނޯ ޓިއާ ޝޭމްޕޫ) އެއް ބޭނުން ކުރާށެވެ.

ދެން ދަރިފުޅުގެ މޫނު ސާފު ކުރުމަށް ކުޑަ ކަފަކޮޅެއް ނުވަތަ މަޑު ފޮތިކޮޅެއް ތެންމާލުމަށްފަހު ދަރިފުޅުގެ މޫނުގައި މަޑުމަޑުން އުނގުޅާ ސާފުކޮށްލާށެވެ.

އެއަށްފަހު ދަރިފުޅު ޓަބުން ނަގައި ތުވާލިކޮޅަކުން ގައި ހިއްކާށެވެ. އަދި ހަންގަނޑު ޑްރައި ވިޔަ ނުދިނުމަށް ވީހާވެސް އަވަހަކަށް ބޭބީ މޮއިސްޗަރައިޒާއެއް ނުވަތަ މައިސްޗަރައިޒިންގ ލޯޝަނެއް ބޭނުން ކުރާށެވެ.

މަތީގައި ބަޔާން ކުރެވުނު ގޮތަށް ދަރިފުޅު ފެން ވެރުވުމަކީ ކުޑަ ދަރިފުޅަށް ރޯގާ ޖެހުމުން ވީހާވެސް ބޮޑަށް ދުރުކޮށްދޭނެ އަދި ކުޑަ ދަރިފުޅުގެ ނާޒުކު ހަން ހަލާކުވުން ވަރަށް ބޮޑަށް ކުޑަ ކޮށްދޭނެ ގޮތެކެވެ.