Thu, 28 May, 2020, 12:44 pm
މާބަނޑު ދުވަސްވަރު މޭ އެންދުން ކުޑަ ކުރާނީ ކިހިނެއް؟
0

މާބަނޑު ދުވަސްވަރަކީ އަންހެނުންނަށް ވަރަށް ގިނަ އުނދަގޫތަކަކާއި ވޭންތަކެއް ތަހައްމަލު ކުރަން ޖެހޭ ދުވަސްވަރެކެވެ. އެގޮތުން ބޮލަށް އެނބުރުން އެރުމާއި މޭ ނުބައި ކުރުން އަދި ހޮޑު ލުމާއި މޭ އެންދުމަކީ ގާތްގަނޑަކަށް ހުރިހާ އަންހެނުން ވެސް މާބަނޑު ދުވަސްވަރު ތަޖުރިބާ ކުރާ ކަންތައްތަކެކެވެ.

މި ހުރިހާ ކަންތައްތަކެއްގެ ތެރެއިން ވެސް މޭ އެންދުމަކީ ފަސޭހައިން ލުއިކަން ވެސް ހޯދިދާނެ ކަމެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު މޭ އެންދުން ކުޑަ ކުރާނެ ބައެއް ގޮތްތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

އެގޮތުން އެއް ފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި މަދު އެތިއެތި ކޮޅުން އިރުއިރުކޮޅާ ކެއުމަކީ މޭ އެންދުން ކުޑަކޮށްދޭނެ ކަމެކެވެ. ހަމައެއާއެކު ކާއިރު ލަސްލަހުން ކެއުމަށް ވެސް ސަމާލުކަން ދޭން ވާނެއެވެ.

އޭގެ އިތުރުން ހަވާދުގެ ބާވަތްތަކާއި ކުޅިކޮށް ކެއުން ހުއްޓާލުމުން ވެސް މޭ އެންދުން ކުޑަ ވެގެންދާނެއެވެ. ހަމައެހެންމެ، ތެޔޮ އެކުލެވޭ ބާވަތްތައް ނުވަތަ ތެލުލާފައި ހުންނަ ކެއުންތައް މަދު ކުރުމަކީ ވެސް މޭ އެންދުން ކުޑަ ކޮށްދޭނެ ކަމެކެވެ.

ކާގަޑީގައި މާ ގިނައިން ފެން ބުއިމަކީ ވެސް މޭ އެންދުމަށް މަގުފަހި ކުރުވާނެ ކަމެކެވެ. ވީމާ ކާ ގަޑީގައި ވީހާވެސް މަދުން ފެން ނުވަތަ ދިޔައި އެއްޗެހި ބޭނުން ކުރާށެވެ.

މި ހުރިހާ ކަމެއްގެ އިތުރުން، ކާ ގޮތަށް އޮށޯވެ ނުއޮތުމަށް ވެސް ސަމާލުކަން ދޭން ވާނެއެވެ. އެއީ ވެސް މޭ އެންދުމަށް މަގު ފަހި ކުރުވާ ކަމެކެވެ.