މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

އަންހެނުންނަކީ ވަރަށްވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ ބައެކެވެ. ވަޒީފާ އަށް ދިޔަ ނަމަވެސް އަދި ނުދިޔަ ނަމަވެސް އަންހެނުންނަކީ ކޮންމެ ދުވަހެއްވެސް ވަރަށް ބުރަކޮށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ބައެކެވެ. ހާއްސަކޮށް ”މަންމަ“ އެއްނަމަ އޭނާގެ މަސައްކަތްތަކާއި މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ވަގުތު އެތައް ގުނައެއް އިތުރު ވެގެންދެއެވެ.

ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އަދި އެއްވެސް އަރާމެއްނެތި އަބަދުމެހެން މަސައްކަތުގައި އުޅޭ އަންހެނުންނަކީ ކިތަންމެ ”ގެވެހި އަދި މުރާލި“ ބައެއް ކަމަށް މުޖުތަމައު އިން ލޭބަލް ކުރި ނަމަވެސް ހަގީގަތަކީ، އެ ފަދަ މީހުންނަކީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ އަދި ޝިކާރައަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް މީހުން ކަމެވެ.

އެގޮތުން ބީއެމްޖޭސް ޖާނަލް އޮފް އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިޓީ ހެލްތުގައި ޕަބްލިޝްކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުންނަމަ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ ފިރިހިނެނުންނަށް ވުރެ، ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އަންހެންނުން، ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ވިހި ހާސް އަންހެނުން ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ބުނާ ގޮތުންނަމަ، ހަފްތާއަކު 55 ގަޑިއިރަށްވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އަންހެނުން ޑިޕްރެޝަންގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

އަދި ހަފްތާއަކު 35 ގަޑި އިރާއި 40 ގަޑި އިރަށް ވުރެ ގިނަ ވަގުތު މަސައްކަތް ކުރާ މީހުންގެ ތެރެއިން 7.3 އިންސައްތަ މީހުންގެ ފަރާތުން ޑިޕްރެޝަން އާ ގުޅުން ހުރި އަލާމާތްތައް ފެނިފައިވާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

އަދި ބަންދު ދުވަސްތަކުގައި ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހުމަކީ ދެ ޖިންސުގެ ގިނަ ބަޔަކު ޑިޕްރެޝަންގެ ޝިކާރައަކަށް ވުމަށް މަގުފަހި ވެގެންދާ ކަމެއް ކަމަށް ވެސް އެ ދިރާސާގައި ބުނެއެވެ.

haftha.mv 2004 ©