.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ނޭވާހިއްލުން ނުވަތަ އެސްމާއަކީ ފުއްޕާމެޔަށް (ލަންގް) ދިމާވާ ބައްޔެކެވެ. ނޭވާލުމަށް ފުއްޕާމެޔާއި ގުޅިފައިވާ ހޮޅި (ބްރޮންކަސް) ގައި އިންފްލެމޭޝަނެއް އުފެދި، ދަވަހެދި، އެހޮޅީގެ އެތެރެފަރާތް ދުޅަވެ، އެހޮޅީގެ މަސްތަކަށް ވާންވެ ނަތީޖާއެއްގެ ގޮތުން އެހޮޅި ހިމަވެގެން ނޭވާލާން އުދަގޫވާ އުދަގޫވުމަށް ކިޔަނީ ނޭވާހިއްލުމެވެ.

އަދި މިހެންވުމުގެ ސަބަބުން މެޔަށް ބާރުކޮށް، ކެއްސާ، ނޭވާލާހޮޅި ހިމަވެ ވައި ދަތުރުކުރުމަށް އުދަގޫވުމުން ނޭވާލާއިރު އަޑުވެސް އިވެއެވެ. މިއަށް ކިޔަނީ ’ވީޒް“ އެވެ. ނޭވާލާން މާބޮޑަށް އުދަގޫވެ އެކަށޭނެ ވަރަށް ނޭވާނުލެވިއްޖެނަމަ، ލޭގައި އޮކްސިޖަން ހުންނަންޖެހޭވަރު ދަށްވެގެންދެއެވެ. އެކި ކުދީންނަށް މިކަން ކުރިމަތިވަނީ އެކިވަރުވަރަށެވެ. ނޭވާހިއްލުން ދިމާވަނީ އެޕިސޯޑްތަކަށް ކަމުން ބަލީގެ ޢަލާމާތްތައް ނުހުންނަ ދުވަސްވަރު ކުޑަކުދީން ހެލިފެލިވެ އުޅޭނެއެވެ.

ބައެއް މީހުން ނޭވާހިއްލުމަށް، ނޭވާލާން އުދަގޫވުމޭ ވެސް ކިޔައެވެ. އެހެންނަމަވެސް މިބަހާއި އެންމެ ގުޅޭ ބަހަކީ، ޑޮކްޓަރީބަހުން ކިޔާ ”ޑިސްނިއާ“ކަމުން މިބަސް ނޭވާހިއްލުމުގެ މާނާއިގައި ބޭނުން ކުރަން އަޅުގަނޑަކަށް ނުފެނެއެވެ.

ބަލީގެ އަލާމާތްތަށް:

1. ނޭވާހިއްލާނީ ޢާންމުކޮށް ރޭގަނޑު ނުވަތަ ރޭގަނޑު ނިދާފައިވަނިކޮށެވެ. އަދި ހެދުނުގެ ވަގުތުގައިވެސް ނޭވާލާން އުނދަގޫވެ ނޭވާހިއްލަފާނެއެވެ.

2. ނޭވާލާން އުނދަގޫވުމާއެކު، މެޔަށް ބާރުވެ، ކެއްސާ، ހިތްނުތަނަވަސްވާގޮތް ވާނެއެވެ. އަދި ބޭރަށް ނޭވާލާއިރު އުނދަގޫކަން އިޙުސާސްކުރެވޭނެއެވެ. އަދި ނޭވާލާ ހޮޅި ހިމަވުމުން ބޭރަށް ނެވާލާއިރު ވީޒް ކުރާ އަޑު އިވޭނެއެވެ. ( ކުޑަކުދީންގެ ނޭވާލާ ހޮޅި ބޮޑެތިމީހުންނަށްވުރެ ހިމަވާނެއެވެ. އަދި އާދައިގެ ރޯގާއެއްޖެހިގެން މިހޮޅި ހިމަވުމުގެ ފުރުސަތު މާބޮޑުވާނެއެވެ. ވުމާއެކު ކުޑަދީންގެ މެއިން ވީޒްގެ އަޑު މާބޮޑަށްއިވޭނެއެވެ.)

3. ކެއްސުމާއެކު ކަރުތެރޭން މަދުމަދުން އަރިދަފުސް ރޯގާ ވެސް އައިސްފާނެއެވެ.

4. މާ ސީރިއަސް ޙާލަތްތަކުގައި ހިތުގެ ވިންދު އަވަސްވުމާއި، މީހާގެ ހޭވެރިކަމަށް އުނދަގޫވުމާއި، ވާހަކަ ދައްކާން އުނދަގުވެ، މީހާ ނޫވުން ކަހަލަ ކަންކަންވެސް ހިމެނެއެވެ.

5. ޢާންމުކޮށް މިކަންތައް ހުންނާނީ ކުޑަ އިރުކޮޅަކަށް ނުވަތަ ގަޑިއިރަކަށެވެ. ބައެއްފަހަރު ގަޑިއިރުތަކަކަށް އަދި ދުވަސްތަކަކަށްވެސް ދެމިގެންދެއެވެ.

6. ކުރިންވެސް ބުނެވުނުހެން ނޭވާހިއްލުން އަންނަނީ ދުވަސްވަރުތަކަކަށް ކަމުން، ދެ އެޓެކް ދޭތެރޭގައި ބަލީގެ ޢަލާމާތެއް ފެންނާކަށް ނުހުންނާނެއެވެ. އެހެންނަމަވެސް އެއީ މިބައްޔާއެކު ނޭވާލުމުގެ ނިޒާމުގެ އެހެން ބައްޔެއް ނުވާނަމައެވެ.

ސަލާމަތުން ހުރުމަށް ކުރެވިދާނެ ބައެއް ކަންތައް؟

ނޭވާހިއްލުމަކީ ކޮންޓްރޯލް ކުރެވޭ ބައްޔެއްކަމުން ބަލީގެ ޢަލާމާތްތަކާއި ބަލިޖެހޭގޮތް ދަނެގަނެ އެކަންކަމަށް ތިމާގެ އަމިއްލަ ނަފުސާއި ދަރިން ސަލާމަތްކޮށްގެން ތިބުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައް:-

1. އަރިދަފުސް ރޯގާ ފަދަ ނޭވާލުމުގެ ނިޒާމަށް ޖެހޭ އާދައިގެ ބަލިތަކުން ސަލާމަތްވުމަށް ޑޮކްޓަރެއްގެ މަޝްވަރާހޯދުން. ސައިނަސްގެ މައްސަލަތަކަކީ އެސްމާ އިތުރަށް ގޯސްކޮށް ބަލިބޮޑުކުރާ ކަމެއްކަމުން މިފަދަ ކަންކަމަށް ސަމާލުވުން.

2. ކުޑަދަރިފުޅު ނިދާ އެނދާއި، ކޮޓަރިއާއި މާހައުލު އަދި ހިފައިގެންގުޅޭ ތަކެތި ހިރަފުހުން ސަލާމަތްކުރުން. އެނދުގެ ބެޑްޝީޓާއި ބާލީސްއުރަ އަވަސް އަވަހަށް ބަދަލުކުރުން. ސެއްޅިފަދަ ލޮލަށް ނުފެންނަ ޒާތުގެގެ ސޫފިތަކަކީ ނޭވާހިއްލުން ޖައްސުވާ އެއްޗިއްސެވެ. މިބާވަތުގެ އެއްޗިއްސަކީ އެނދުގައި ވަރަށް ގިނައިން އުޅޭ އެއްޗިއްސެވެ.

3. މާ ފޮޅޭ މޫސުމުގައި ޖައްވުގައި ހުންނަ ކުނޑިތަކުން ސަލާމަތްވެ ހުރުން. އަދި ބޭރަށް ނިކުންނައިރު، މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނައިގެން ނިކުތުން.

4. ތަފާތު ދުންތަކުން ސަލާމަތްވެހުރުން. ސިގަރޭޓް ގެ ދުމުން ދަރިފުޅު ސަލާމަތްކުރުން. ( ސިގަރޭޓް ބޯމީހެއްނަމަ ދަރިފުޅަށް އަސަރު ނުކުރާފަދަ އެކަހެރިތަނެއްގައި ހުރެގެން އެކަންކުރުން ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުންހުއްޓާލުން)

5. އެލާރޖީވާ އެއްވެސް ކަހަލަ އެއްޗެއްވާނަމަ އެއިން ދުރުވެގަތުމާއި އެއިން ދަރިފުޅު ދުރުކުރުން. ކާނާ؛ ބިސް، މަސް… ބުޅާގެ ކެހެރި، ދޫނިތައް، މާތައް…. ބައެއް ބޭސްތައް ( ޕެނިސިއްލިން)

6. ސާފުވައި ލިބޭގޮތަށް، އުޅޭތަން ބައްޓަންކުރުމާއި ހިތް ނުތަނަވަސްވާ ކަހަލަ ކަންތައްތަކުން ދަރިފުޅު ސަލާމަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.

haftha.mv 2004 ©