.
28 March 2019
މަޤްބޫލު ޙަބަރު

މާބަނޑު ދުވަސްވަރު ފައިގެ ލޭނާރުތައް ފުއްޕުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ވަރަށް އާންމު ކަމެކެވެ. ލޭނާރު ފުއްޕުން ކޮންމެ 3 އަންހެނުންގެ ތެރެއިން އެކަކަށް ދިމާވާކަމަށް ދިރާސާތަކުން ހާމަވެފައިވާައިރު، ލޭނާރު ފުއްޕުމަކީ ހަމުގެ ދަށުގައި ދަނބު ނޫނީ ނޫކުލައަކަށް ފުއްޕާފައި ހުންނަ ލޭހޮޅިތައް ފެންނަން ހުރުމެވެ.

ލޭނާރުތައް އެންމެ އާންމުކޮށް ފުއްޕާފައި ހުންނަނީ ފައިގައެވެ. އެގޮތުން ލޭނާރުތައް އެންމެ އާންމުކޮށް ފުއްޕަނީ ފައިގެ ކުޑަކަޅުވާ ހިމެނޭ ހިސާބުގައެވެ. ނަމަވެސް އުކުޅުވަޅުން ފެށިގެން ތަބިކައްޓާއި، ދޭތެރޭގެ ކޮންމެ ހިސާބެއްގައި ވެސް މިގޮތަށް ލޭނާރުތައް ފުއްޕާފައި ހުރެދާނެއެވެ. ނޫނީ ހަށިގަނޑުގެ އެހެން ހިސާބެއްގައި ވެސް ލޭނާރު ފުއްޕާފައި ހުރެދާނެ އެވެ.

އެހެންކަމުން ބަލިވެއިންނަ ދުވަސްވަރު ކުރިމަތިވާ ލޭނާރު ފުއްޕުމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

އަރާމުކުރުމަށް އެދުގައި އެއްއަރިއަކަށް ވާތްފަރާތަށް ބުރަވާގޮތަށް އޮތުން : ވާތް ފަރާތަށް އޮތުމަށް ބާރުއަޅަނީ ހަށިގަނޑުގެ ތިރީ ބައިތަކުން ހިތާއި ދިމާލަށް ލޭގެންގޮސްދޭ މައިލޭހޮޅި “އިންފީރިއާ ވީނާކޭވާ” އިންނަނީ ހަށިގަނޑުގެ ކަނާތްފަރާތުގައި ކަމަށްވާތީ، ވާތް ފަރާތަށް ބުރަވެ، އޮތުމުން އެލޭނާރަށް ފިއްތުން ކުޑަކުރެވޭނެތީ އެވެ.

އެއްތަނެއްގައި މާގިނައިރު އިށީދެގެން ނޫނީ ކޮށްޅަށް ނުހުރުން : މިގޮތަށް ހުންނަށް ޖެހިއްޖެނަމަ ހަރަކާތްކޮށްލާ ކޮށްލާ ހުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ½ އިރަކުން ކޮންމެވެސް ހަރަކާތެއް ކޮށްލައި ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިސާލަކަށް ކޮށްޅަން ހުންނަމަ، ހިނގާލެވިދާނެއެވެ. އިށީދެ އިންނަނަމަ ތެދުވެ، ހަށިގަނޑު ދަމާލައި، ލެނބި ހަދާލެވިދާނެއެވެ. އަދި ހިނގާލައި ހަދާލެވިދާނެއެވެ.

ތަނެއްގައި އިށީދެ އިންނައިރު ދެފަޔާއި،ފައިތިލަ މައްޗަށް ނަގައިގެން ފައި އުސްކޮށްލައިގެން އިންނަށް އާދަކުރާށެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިނުމަކީ ރަގަޅުކަމެއް ނޫނެވެ. އޮފީހެއްގައި މަސައްކަތްކުރާނަމަ މޭޒުދަށުގައި ކުޑަގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ބެހެއްޓުމަށްފަހު އެއެއްޗެއްގެ މަތީގައި ފައިބަހައްޓައިގެން އިންނަށް އާދަކުރާށެވެ. ގޭތެރޭގައި އުޅޭއިރުވެސް ތަނެއްގައި އިށީދެއިންނައިރު ކުޑަގޮނޑިއެއް ނުވަތަ ބާލީހެއް ފަދަ އެއްޗެއް ފައިދަށަށް ލެވިދާނެއެވެ.

ގަވާޢިދުން ކަސްރަތުކުރުން : އެގޮތުން ހަފްތާއަކު 5 ދުވަހު ދުވާލަކު ½ ހާއިރު ނުވަތަ ހަފްތާއަކު 3 ދުވަހު ދުވާލަކު ގަޑިއެއްހާއިރު ކަސްރަތު ކުރެވިދާނެ އެވެ. ނޫނީ ހަފްތާއަކު މަދުވެގެން 150 މިނިޓް ވަންދެން ބަހާލައިގެން ކަސްރަތުކުރެވިދާނެ އެވެ. ފައިތިލައިން ކުދިކުދި ކަސްރަތުތައް ކުރެވިދާނެ އެވެ.

ފަޔަށް ބާރު އިސްޓާކީން، ސްޓޮކިން،ރަބަރު ބެލްޓް ފަދަ ތަކެތި ބޭނުންނުކުރުން : މިފަދަ ތަކެތި ބޭނުންކުރުމުން ލޭނާރު ފުއްޕުމުން ކުރިމަތިވާ އުނދަގޫތައް ލުއިކޮށްދޭކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ބަރުދަން ހުރުން އެދެވިގެންވާ މިންގަނޑުގައި ހިފެހެއްޓޭތޯ ބެލުން :މާބަނޑު ދުވަސްވަރު އާންމު ގޮތެއްގައި ބަރުދަން އިތުރުވާންޖެހޭނީ ގާތްގަނޑަކަށް 15.8 – 11.3 ކިލޯ ގްރާމާއި، ދެމެދުގެ މިންވަރަކަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©