މުޙައްމަދު އީމާން
21 April 2019
މަޤްބޫލު ޙަބަރު

ދުވަހުގެ އެންމެ މުހިންމު ނާސްތާ ކަމަށް ސިއްހީ މާހިރުން އިއްތިފާގުވާ ހެނދުނުގެ ނާސްތާ ނުނަގާ އަދި ރޭގަނޑުގެ ލަސްކޮށްފައި ކާނަމަ ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ ބޮޑުކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ (އީއެސްސީ)ގެ ޖާނަލްއެއް ކަމަށްވާ ޔޫރަޕިއަން ޖާރނަލސް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއު ކޮށްފައިވާ އެ ދިރާސާއަކީ ބްރެޒިލްގެ ސައޯ ޕޯލޯގެ ސައިންޓިސްޓުންތަކެއް ހެދި ދިރާސާއެކެވެ.

އެ ދިރާސާގައި 113 ޕޭޝަންޓުން ބޭނުންކޮށްފައިވާއިރު، އޭގެ ތެރެއިން 73 ޕަސެންޓް މީހުންނަކީ 60 އަހަރުގެ ފިރިހެނުންނެވެ. އަދި އެ އެންމެންނަކީ ވެސް ހާޓް އެޓޭކްގެ ސީރިއަސް ފޯމެއް ތަޖުރިބާ ކޮށްފައިވާ މީހުންނެވެ.

އެގޮތުން ދިރާސާގައި ބައިވެރިވި ޕޭޝަންޓުންގެ ކައިރިން ކެއުމުގެ އާދަތަކާ ގުޅޭގޮތުން ސައިންޓިސްޓުން ސުވާލުކޮށް މައުލޫމާތު އެއްކުރިއެވެ. އެއްކުރި މައުލޫމާތަށް ބަލާއިރު ހުރިހާ ޕޭޝަންޓުންގެ ތެރެއިން 58 ޕަސެންޓަކީ ހެނދުނުގެ ނާސްތާ ނުނަގާ މީހުންނެވެ. ރޭގަނޑުގެ ނާސްތާ ކެއުން ލަސްކުރާ މީހުންގެ ޕަސެންޓަކީ 51 އެކެވެ.

އަދި ހެނދުނުގެ ނާސްތާ ނުނަގައި ރޭގަނޑުގެ ނާސްތާ ލަހުން ނަގާ މީހުންނަކީ މައުލޫމާތު އެއްކުރި ޕޭޝަންޓުންގެ 41 ޕަސެންޓެވެ.

އެ މައުލޫމާތުތަކަށް ބިނާކޮށް ސައިންޓިސްޓުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ހެނދުނުގެ ނާސްތާ އާންމުކޮށް ނުނަގާ އަދި ނިދުމުގެ މަދުވެގެން ދެ ގަޑިއިރު ކުރިން ރޭގަނޑުގެ ނާސްތާ ނަގާ މީހުންނަށް ހާޓް އެޓޭކެއް ޖެހިއްޖެނަމަ އެކަމުން ސަލާމަތްވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ، ކެއުމުގެ އެ ދެ އާދަ ހުންނަ މީހުންނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާތާ 30 ދުވަހުގެ ތެރޭގައި އެމީހަކު މަރުވުން، އިތުރު ހާޓް އެޓޭކެއް ޖެހުން ނުވަތަ މޭގައި ރިއްސުން ދިމާވުން، ހަތަރެއް ނުވަތަ ފަސް ގުނަ އިތުރުވުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން ދިރާސާގައި އިސްކޮށް އުޅުނު ޑރ. މާކޮސް މިނިކޫޗީ އިރުޝާދު ދީފައިވަނީ، ނިދުމާއި ރޭގަނޑުގެ ނާސްތާއާ ދެމެދު މަދުވެގެން ދެ ގަޑިއިރުގެ ވަގުތެއް ބޭއްވުމަށެވެ.

“ރަނގަޅު ނާސްތާއެއްގައި އާންމުކޮށް މި ހުންނަނީ ޑެއިރީގެ ޕްރޮޑަކްޓުތައް (ފެޓް-ފްރީ ނުވަތަ ލޯ ފެޓް ކިރު، ޔޯގަޓް އަދި ޗީޒް)، ކާބޯހައިޑްރޭޓް (ހޯލް ވީޓް ބްރެޑް، ސީރިއަލްސް) އަދި މޭވާ. މި އެއްޗެހިން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ކެލޮރީގެ 15 އާއި 35 ޕަސެންޓާ ހަމައަށް ހަށިގަނޑަށް ލިއްބައިދޭ،” ޑރ. މާކޮސް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©