.
04 May 2019
މަޤްބޫލު ޙަބަރު

ނިދީގައި ގުގުރިދެމުމަކީ އާންމުކޮށް ވަރަށް ގިނަ މީހުންނަށް ދިމާވާކަމެކެވެ. އަދި ޚާއްސަކޮށް ބަލިވެއިންނަ ދުވަސްވަރު ވަރަށްގިނަ އަންހެނުންނަށް ގުގުރިދެމުން ދިމާވާކަމަށް ބައެއް ދިރާސާތަކުންދައްކައެވެ.

ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު މީހުންގެ ތެރެއިން %25 މީހުން މާބަނޑު ދުވަސްވަރު ދާއިމީ ގޮތެއްގައި ނިދާއިރު ގުގުރި ދަމައެވެ. އަދި އިތުރު %25 މީހުން ވިހަން ގާތްވުމުން ނިދީގައި ގުގުރި ދަމައެވެ.

އެހެންނަމަވެސް ބަލިވެއިނުމުން ނިދީގައި ގުގުރި ދަމާ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން ވިހެއުމަށްފަހު އިތުރު އެހީ އަކާއި ނުލައި ނުވަތަ ފަރުވާއަކާއި ނުލައި ގުގުރިދެމުން ހުއްޓެއެވެ.

ނިދީގައި އާންމުކޮށް ގުގުރި ދެމޭނަމަ އެކަން ހައްލުކުރަން އެންމެ ރަނަގަޅު ގޮތަކީ ނިދާއިރު އަރިއަކަށް އޮވެގެން ނިދަން އާދަ ކުރުމެވެ. އުއްޑުން އޮވެނިދުމަކީ ގުގުރި ދެމުން އިތުރުވާ ކަމެކެވެ. އަދި ނިދާއިރު ބޯލާކޮޅު އުސްކޮށްގެން ނިދުންވެސް މުހިންމެވެ. މިގޮތުން ބޯދަށަށް އިތުރު ބާލީހެއް ލެވިދާނެއެވެ.

ހަމައެއާއެކު މަސްތުވާތަކެތި ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ނިދާބޭސް ބޭނުން ކުރާނަމަ، އެކަން މުޅިން ހުއްޓާލާށެވެ. މިހުރިހާ އެއްޗަކީވެސް ނިދުމުގައި ގުގުރި ދެމުމުގެ ފުރުޞަތު ބޮޑުކޮށްދޭ އެއްޗިއްސެވެ. ސަބަބަކީ މި ހުރިހާ އެއްޗިއްސަކީ ވެސް ނިދާއިރު ނޭވާހޮޅި ހިމަކުރުވާ ތަކެއްޗެވެ.

އަދި ގޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކު އުޅޭނަމަވެސް ގޭގައި އެކަން ނުކުރުމަށް އެދޭށެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރާމީހެއްގެ ގާތުގައި ހުރުމަކީވެސް ދުންފަތުގަ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއްގައި ހިއްސާވާ ކަމަކަށްވާތީއެވެ.

މިހުރިހާ ކަމެއްގެ އިތުރުން ބަލިވެއިނުމުން ނިދީގައި ގުގުރި ދަމާ މީހަކުނަމަ ކޮންމެހެން ބަރުވަންޖެހޭ މިންވަރަށްވުރެ އިތުރަށް ހަށިގަންޑު ބަރުވިޔަ ނުދީވޭތޯ ބަލާށެވެ. އެއީ ހަށިގަނޑު ބަރުވުމަކީ ވެސް ގުގުރިދެމުން އިތުރުވާ ކަމެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©