Sun, 19 January, 2020, 12:31 pm
ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި ހޯދިދާނެ ހައްލު

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން، ބައެއްފަހަރު ކަންކަމާ ހާސްވެ ހަދާނެގޮތެއް ޚިޔާލަށް ނައިސްގެން އުޅެންޖެހެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ޢަމަލުކުރެވިދާނެ ބައެއް ގޮތްގޮތް ޙިއްސާ ކޮށްލާނަމެވެ.

ހާސްވެ ކަންބޮޑުވެ، ހިތްހަމަ ނުޖޭގޮތް ދިމާވުމުން އެންމެ ފުރަތަމަ ކުރާ ކަމެއްގެ ގޮތުންވެސް ފުންކޮށްނޭވާ ލާށެވެ. އެއަށްފަހު އެމީހަކު އެވަގުތު އެހުރި ޙާލަތަކުން އެހެން ޙާލަތަތަކަށް ބަދަލުވެލާށެވެ. ކޮޅަށް ހުރިނަމަ އިށީނދެލާށެވެ. އިށީނދެގެން އިންނަމަ އޮށޯވެލާށެވެ. އެންމެ ފަސޭހައިން ހިތަށްހަމަޖެހުން ލިބޭނީ ﷲ އަށް ޙަމްދު ކުރުމުންނެވެ. ތިމާގެ އުފާވެރި ވަގުތުތަކާއި އުފާވެރި ހާދިސާތައް ހަނދާންކުރުމުންނެވެ. ތިމާއަށް ލިބިފައިވާ ނިޢުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަތުމުންނެވެ.

ގާތް މީހަކާމެދު ހިތްހަމަ ނުޖެހިއްޖެނަމަ، އެމީހާގެ ފަރާތުން ލިބިފައިވާ ހިތްހަމަޖެހުންތަކާއި، ރަނގަޅުކަންކަން ހަނދާންނަށް ގެނެސް، އުފާވެރިކަން ހިތަށް ގެނެވޭތޯ މަސައްކަތްކުރާށެވެ.

ދުރުމީހަކާމެދު ހިތްހަމަނުޖެހޭގޮތް ދިމާވެއްޖެނަމަ، ތިމާއަށް ވިސްނޭވަރަށް އަނެކާއަށް ނުވިސްނެނީކަން ޤަބޫލުކޮށް، މިކަހަލަ ކިތަންމެ ކަމެއް އަދިވެސް ދިމާވެދާނެކަން ދަނެ، އެމީހާ ކިތަންމެ ވަރަކަށް އެއްޗިހި ކިޔަސް ތިމާގެ އަނގައިން ބޭއަދަބީ އެއްވެސްބަހެއް އަނެއްމީހާއާ ދިމާއަށް ނުބުނާށެވެ.

އޭރުން ކާމިޔާބުއެލިބެނީ ހަމަ ތިމާއަށެވެ. ހިނިތުންވެލައިގެން އަނެކާއާ ކުރިމަތިލެވޭތޯ ހިތްވަރު ކުރާށެވެ. ކަމަކާ ހިތްހަމަ ނުޖެހިއްޖެނަމަ އެންމެ އަވަހަށް ހިތްހަމަޖެހުންލިބޭނީ ﷲ ހަނދުމަކޮށް އެކަނލާނގެ ޙަޟުރަތުން ވާގިއެދުމުންނެވެ. ހެޔޮ އެއްޗެއް ދުލުން ކިޔުމުންނެވެ.

ތަޢުލީމު އުގެނޭ ވަރަކަށް ތިމާގެ ސިކުނޑި ހުޅުވެއެވެ. މާނައަކީ ތިމާގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވީ ވަރަކަށް ތިމާ، ކަންކަމާމެދު ދެކޭގޮތް ބަދަލުވެއެވެ. ޤަބުލުކުރެވޭ ޤަބޫލުކުރެވުން ތަފާތުވެއެވެ. އެހެންކަމުން، ތިމާއާ އެއްވަރަށް ތަޢުލީމު އުގެނުމުގެ ފުރުޞަތު ލިބިފައިނުވާ މީހުން ބުނާ އެއްޗިއްސަށް ރައްދުދޭއިރު ހަނދާނުގައި ބަހައްޓަންވީ ތިމާއަށް އެނގޭވަރަށް އަނެއް މީހާއަށް ނޭނގޭނެކަމެވެ.

ނަމަވެސް ނޭނގޭ މީހާވެސް ދެރަކޮށްނުލާށެވެ. ތިމާއަށް އެނގިފައިވާ އެގުމަކާމެދު ބޮޑާވެނުގަންނާށެވެ. މިފަދައިން ކަންތައްކުރާ މީހުންނަށް ﷲގެ ރުއްސެވުމާއި ލޯބި ލިބި، މާތް މީހުންގެ ތެރޭގައި ހިމެނޭނެއެވެ.

ކުޑަކުދިންނާއި އެކުގައި ވަގުތު ހޭދަކުރުމަކީ ތިމާއަށް ނޭނގި ނަމަވެސް ތިމާގެ ސިކުޑި ތާޒާވާ ކަމެކެވެ. އެއީ އެކުދިންނާ ވާހަކަދައްކައި، ވާހަކަ ކިޔައިދީ އަދި އެކުދިން ދައްކާ ވާހަކަ އަޑުއެހުމުން ތިމާގެ ސިކުނޑީގައި ހުންނަ ނުތަނަވަސްކަން އަވަހަށް ފިލައިގެންދިއުމަށް މަގުފަހިވާތީއެވެ.

އެހެން އިންސާނުންނާއި ޖަނަވާރުންނަށް ކަމޭހިތުމުންވެސް ތިމާއަށް އުފާވެރިކަން ލިބެއެވެ. އެއީ ތިމާގެ ހުރިހާ ޢަމަލެއް ހުރިހާ ވަގުތަކުވެސް ﷲ ބައްލަވާވޮޑިގެންވާތީ ތިމާކުރާ ކޮންމެ ރަނގަޅުކަމަކުން ތިމާއަށް އުފާވެރިކަންލިބޭނެގޮތް ﷲ މިންވަރު ކުރައްވާތީއެވެ.

އެހެންމީހުންގެ ވާހަކަ އެމީހާ ނެތް ތަންތަނުގައި ދައްކާމީހުންނާބައިވެރިނުވުމަކީ ހިތްހަމަޖެހިގެން އުޅުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ހަމަ އެހެންމެ ވަގުތުތައް ބޭކާރުކޮށްނުލައި، އަބަދުވެސް ތިމާއަށާއި އެހެންމީހުންނަށް ފައިދާވާފަދަ ކަންކަން ކުރުމުގައި ވަގުތުހޭދަކުރުމަކީވެސް ހިތްހަމަޖެހޭ، ކާމިޔާބު ދިރިއުޅުމެއް ކުރިޔަށް ގެންދިއުމަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެކެވެ.

ސާފުވަޔާއި ސާފުފެނާއި ތާޒާކާނާގެ އިތުރުން، އެކަށީގެންވާ ވަރަށް ނިދުމަކީވެސް އިންސާނާގެ އުފާވެރި ދިރިއުޅުމަށް ނިހާޔަތަށް މުހިއްމު ކަމެއްކަން ތިމާގެ ވިސްނުމުން ކައްސާލިޔަނުދެމާތޯއެވެ.

އުފާވެރިކަމަކީ ކޮންމެމީހަކަށް ވެސް އެމީހާގެ އަމިއްލަ އިޚްތިޔާރާއި މަސައްކަތުން، މާބޮޑު އުނދަގުލަކާނުލާ ހޯދޭނެ އެއްޗެކެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންނަކީވެސް އުފާވެރި ބަޔަކަށްވަމާތޯއެވެ.

| މަސްދަރު : ފަންވަތް

Leave a comment

Your email address will not be published.