Fri, 28 February, 2020, 4:59 am
ހަލާކުވާ ތަންތަން އަވަހަށް ރަނގަޅުކޮށް ދޭ ބައެއް ކާނާ

އަނިޔާއެއް ވެގެން، ތަންތަން ހަލާކުވުމުން ޑޮކްޓަރު ބޭސް ބޭނުންކުރި ނަމަވެސް އެތަން ރަނގަޅުވާން ދުވަސް ނަގާނެ އެވެ. ނަމަވެސް ޕްރޮޓީންސް، ވިޓަމިން ސީ އަދި ޒިންކު ހިިމެނޭ ކެއުންތަކުން ހަލާކުވެފައިވާ ހުންނަ ތަންތަން އަވަހަށް ފަސޭހަ ކޮށްދެއެވެ.

އޭގެ ތެރެއިން ވެސް ޕްރޮޓީންސް ގިނައިން ހިމެނޭ ކެއުންތަކުން ހަލާކުވެފައި ހުންނަ ތަންތަން އަވަހަށް ފަސޭހަ ކޮށްދޭ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކައެވެ. އެއީ ޕްރޮޓީންސް އަކީ އާ ހަމާއި ޓިޝޫ އުފައްދައިދީ ހަންގަނޑުގެ ދުޅަހެޔޮ ކަމާއި ހަށިގަނޑުގެ މަސްތަކުގެ ވަރުގަދަކަން އިތުރުކޮށްދޭ މާއްދާ އެކެވެ.

ތޮޅި

ތޮޅިއަކީ ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވޭ ތަރުކާރީއެކެވެ. އޭގައި ހިމެނޭ ޕްރޮޓީންސްގެ ސަބަބުން ހަލާކުވާ ތަންތަނުގައި އުފެދޭ ނުރަނގަޅު ބެކްޓީރިއާތަން ނައްތާލަ އެވެ. އޭގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންނަށް ވެސް މިއީ އެއްވަނައިގެ ހައްލެކެވެ. ކާލަން ވެސް މީރު ތޮޅިއަކީ ކޮންމެ ކާ ވަގުތަކަށް ވެސް ރަނގަޅު ތަރުކާރީއެކެވެ. އެގޮތުން ފެނު ކައްކައިގެން ނުވަތަ ޕާސްތާ ފަދަ އެއްޗެހި ތައްޔާރުކުރާއިރު ވެސް ތޮޅި އަޅުން ރަނގަޅެވެ.

ބަދަން

ތޮޅިއެކޭ އެއްގޮތަށް އެކި ކަހަލަ ބަދަނަކީ ވެސް ޕްރޮޓީންސް ގިނަ އަދަދަކަށް ހުންނަ އެއްޗިއްސެވެ. އެގޮތުން ޕީނަޓްސް، ކެޝޫސް އަދި އެލްމަންޑަކީ ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވޭ ބަދަނުގެ ވައްތަރުތަކެވެ. އާންމު ދިރިއުޅުމުގައި އުޅޭއިރު ޗިޕްސް ފަދަ އެއްޗެހި ކެއުމުގެ ބަދަލުގައި ތިމާ އިހްތިޔާރު ކުރާ ވައްތަރެއްގެ ބަދަނެއް ކާލުން ރަނގަޅެވެ.

ބިސް

ބިހުގައި ޕްރޮޓީންސްގެ އިތުރުން ވިޓަމިން ބީ2، ބީ6 އަދި ބީ 12 ހިމެނެ އެވެ. އަދި ވިޓަމިން ޑީ އާއީ އަޔަން އަދި މިނަރަލްސް ހިމެނޭ ބިސް، ގިނައިން ކާނަމަ ކާންވާނީ ބިހުގެ ހުދުބަ އެވެ.

އެއީ ބިހުގެ ގޮބޮޅީގައި ފެޓް އެކުލެވޭ މިންވަރު ގިނަ ވުމުން ހިތާ ގުޅުންހުރި ސިއްހީ މައްސަލަތައް ދިމާވުމަށް މެދުވެރިވެދާނެތީއެވެ. ތަނެއް ހަލާކުވެއްޖެނަމަ ކޮންމެ ދުވަހަކު 2 ނުވަތަ 3 ބިސް ކާނަމަ އަވަހަށް އެތަނެއް ރަނގަޅުވާ ކަމަށްވެ އެވެ.

ކިރު

ހަށިގަނޑު ވަރުގަދަ ކޮށްދޭން ބުއިން އެންމެ ރަނގަޅު އެއްޗަކީ ކިރެވެ. ތިމާއަކީ ގެރީގެ ކިރު ނުބައި މީހެއް ނަމަ ޕްރޮޓީންސް އިން މުއްސަނދި އެހެން ވައްތަރެއްގެ ކިރެއް އިހްތިޔާރު ކުރެވިދާނެއެވެ. އެގޮތުން ސޯއީ މިލްކު، އެލްމަންޑް މިލްކު އަދި ކާށި ކިރަކީ ވެސް ޕްރޮޓީންސް ގިނަ ދިޔާ އެއްޗިއްސެވެ.

Leave a comment

Your email address will not be published.