ނަސްވާ ހަސަން
02 July 2019
މަޤްބޫލު ޙަބަރު

ކޮފީ އަކީ ސައިގެ އިތުރުން ދުނިޔޭގައި އެންމެ މަޝްހޫރު ބުއިމެވެ. އެގޮތުން ދިވެހީންގެ ތެރޭގައި ވެސް ކޮފީގެ އާދަ ވަރަށް ބޮޑެވެ. ކޮފީ އެއް ބޮއެ ނުލާ ދުވަސް ނިންމާނުލެވޭއިރު، ދުވަސް އެއްކޮށް ކޮފީ ތަކުން ނިންމާލާ ދިވެހީން ވެސް .ވަކި މަދެއް ނުވާނެ އެވެ

ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެ އެވެ. ކޮފީ އަކީ ވެސް މާ ގިނައިން ބޯ ނަމަ ސިއްހީ މައްސަލަތައް ދިމާވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އެގޮތުން ދުވާލަކު ބޯން ރަނގަޅީ ކިތައް ތަށި ކޮފީ ހެއްޔެވެ؟

ބްރިޓިޝް ހާޓް ފައުންޑޭޝަން އަދި ލަންޑަންގެ ކުއީން މެރީ ޔުނިވާސިޓީ ގުޅިގެން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ދުވާލަކު 25 ތަށި ކޮފީ ބުއިކަމުގައި ވިޔަސް ހިތުގެ ބަލި ޖެހުމުގެ ފުރުސަތެއް ނެތެވެ.

ތި ކިޔުނީ ރަނގަޅަށެވެ. ނަމަވެސް މި ދިރާސާއަށްފަހު ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައި އެވެ.

ސިއްހަތު ރަނގަޅު 8،000 އަންހެނުންނާއި ފިރިހެނުން ބޭނުންކޮށްގެން ހެދި އެ ދިރާސާގައި 25 ގުރޫޕަށް މީހުންތައް ބަހާލި އެވެ. ފުރަތަމަ ގުރޫޕުން ދުވާލަކު އެއް ތަށި ކޮފީ އަދި ދެވަނަ ގުރޫޕުން ދުވާލަކު ދެ ތަށި ކޮފީގެ އުސޫލުން ބޮއެ 25 ވަނަ ގުރޫޕުން 25 ތަށި ހަމަކުރި އެވެ. އެއަށްފަހު އެ އެންމެންގެ ހިތުގެ އެމްއާރުއައި އަކާއި ހިތުގެ ޕަލްސް ރޭޓް ބެލިއެވެ.

ނަތީޖާ ވަރަށްވެސް ތަފާތެވެ. އެގޮތުން ކޮފީ އެއްގޮތަކަށް ވެސް ނުބޯ މީހަކަށްވުރެ ކޮފީ ބޯ މީހުންގެ ލޭނާރުތަކުގައި ލޭ ދައުރުވާން ފަސޭހަ ވެފައިވާ ކަމަށް ދިރާސާ އިން ދެއްކި އެވެ.

އޭގެ އިތުރުން ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ވިދާޅުވި، ދިރާސާގެ ނަތީޖާ އެގޮތަށް ދެއްކިޔަސް ކޮންމެ ދުވަހަކު 25 ތަށި ބުއިމަށް މަޖުބޫރު ނުކުރާ ކަމަށެވެ. ނަމަވެސް 25 ތަށި ބުއި ކަމުގައި ވިޔަސް ހިތުގެ ބަލިތަކުގެ ބިރެއް ނެތް ކަމަށް ވިދާޅުވި އެވެ.

ކޮފީ އަކީ ގިނަ މާއްދާތަކެއް އެކުލެވޭ ހަށިގަނޑަށް އެތައް ފައިދާއެއް ވެސް ކުރުވާ އެއްޗަކަށްވާއިރު، ހިތުގެ އެންމެ އާދައިގެ ބަލިތަކުން ފެށިގެން ނުރައްކާތެރި ކެންސަރު ބަލީގެ ޝިފާއަކީ ކޮފީކަމުގައި ބައެއް ދިރާސާތަކުން ހާމަވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©