Fri, 28 February, 2020, 3:53 am
ދަރިފުޅަށް ބުލީ ކުރާކަން ދެނެގަންނާނީ ކިހިނެތް؟

ރާއްޖޭގައި ވެސް މިހާރު ބުލީގެ ޝިކާރަ އަކަށްވާ ކުދިން ވަރަށް ވެސް ގިނަ އެވެ. ސުކޫލް ދައުރުގައި ބުލީ ނުވަތަ މަލާމާތްކޮށް ޖެއްސުން ކުރާ ކުދިންނާއި ދިމާވެ އެވެ. އަދި ކޮންމެ ކުއްޖަކީ ސުކޫލުގައި ދިމާވާ ކަންކަން ބެލެނިވެރިންނަށް ކިޔައިދޭން ކެރޭ ކުދިންނެއް ނޫނެވެ.

ނަމަވެސް އެކުދިންގެ މިޒާޖަށް އަންނަ ތަފާތު ބަދަލު ތަކަކުން އެކުދިންނަށް ބުލީ ކުރާކަން، ނުވަތަ ކަމަކާއި ވިސްނާކަން ދެނެ ގަނެވޭނެ އެވެ.

އެގޮތުން ފާހަގަވާނެ އެއް ކަމަކީ ކުރިން ސުކޫލަށް ދާ ހިތުން އުޅޭ ކުއްޖެއް ކުއްލިއަކަށް ސުކޫލަށްދާ ހިތް ނުވުމެވެ. ހެނދުނު ހޭލާއިރު ބޮލުގައި ނުވަތަ ބަނޑުގަ ރިހޭ ކަމަށް ބުނެ ސުކޫލަށް ނުދާން އެފަދަ ކުދިން ގަދަ ހަދައެވެ.

ގިނަ ފަހަރަށް މިގޮތަށް ކުދިން އުޅެން ފެށުމުން ބެލެނިވެރިންނަށް އެކަމާ ރުޅިއައިސް އެއްޗެހި ކިޔޭ ގޮތްވެ އެވެ. އޭގެ ބަދަލުގައި ކުއްޖާއާއި މަޑުމައިތިރި ކަމާއިއެކު ރީތިކޮށް ވާހަކަ ދައްކާ ކަންތައް އޮޅުން ފިލުވާށެވެ.

ދަރިފުޅު ކުއްލިއަކަށް ކިޔެވުމަށް ދަށްވާން ފެށުމަކީ، ބުލީގެ ޝިކާރައަކަށް ވުން ނުވަތަ ކަމަކާއި ވިސްނާކަމުގެ ނިޝާނެކެވެ.

އެގޮތުން ގޭގައި އާންމުކޮށް ފޮތް ކިޔާ އުޅޭ ކުއްޖެއް ވެސް ސުކޫލުގައި ދިމާވާ ކަމެއްގެ ސަބަބުން ސުކޫލުގެ މާހައުލުގައި، ފިލާވަޅަށް ސަމާލުކަން ނުދެވި ދަށްވާން ފަށައެވެ. މިފަދަ ކަންކަން ޓީޗަރު ގާތު އަހާ އޮޅުން ފިލުވުމަކީ ކުރަންވާނެ ކަމެކެވެ.

މިކަންކަމުގެ އިތުރުން ކުރިން ކުޅިވަރު ކުޅުމަށް ފޯރި ހުންނަ ކުއްޖަކު، ކުޅިވަރާއި ދުރުވެ އަބަދު ގޭގައި އޮތުމަކީ ވެސް ބައެއް ފަހަރު ކުއްޖާއަށް ބުލީ ކުރާ ކަމުގެ ނިޝާނެކެވެ. އަދި ފަލަކޮށް ތިބޭކުދިން ކެއުމާއި ކުޅިވަރާއި ދުރުވުމަކީ ބެލެނިވެރިން ވިސްނަން ޖެހޭނެ ކަމެކެވެ.

ނަމަވެސް މީގެ ޝިކާރައަކަށް ވަނީ ހަމައެކަނި ފަލަކުދިންނެއް ނޫނެވެ. ހިކިކޮށް ތިބޭ ކުދިންނަށް މަލާމާތް ކުރަން ފެށުމުން، އެ ކުދިން ކުރިން ނުކާވަރަށްވުރެ ގިނައިން ކާން މަސައްކަތް ކުރުމަކީވެސް ބުލީ ކުރުމުން ދިމާވާ ބަދަލަކަށް ވެދާނެއެވެ.

މި ސިފަތަށް ދަރިފުޅުގެ ފަރާތުން ފާހަގަވާނަމަ، އެކުދިންނާއި ވާހަކަ ދައްކާށެވެ. އަދި އެކަމުގެ ހަގީގަތް ބަލާ، ޓީޗަރުންނާއި އެކަންކަން ހިއްސާކުރާށެވެ. ކުޑައިރުން ފެށިގެން ކުއްޖާގެ ވާހަކަ އަޑު އަހާ އެކަންކަމަށް ހިތްވަރުދޭށެވެ. އޭރުން ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށްވެސް، ބެލެނިވެރިންނަށް ކަންކަން ހިއްސާކުރާނެއެވެ.

Leave a comment

Your email address will not be published.