މުޙައްމަދު އިބްރާހިމް
16 September 2019
މަޤްބޫލު ޙަބަރު

އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ. މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ.

• ހަންގަނޑަށްކުރާ ފައިދާ: އަހިވައް ފުރަތަމަ ފާހަގަވެގެންދިޔައީ ހަމުގެ ބަލިތަކަށް ފަރުވާކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން އަހިވައް ގަހުގެ ބައިތައް ކަމުގައިވާ އަހިވައް، ފަތް، ތޮށި،މާ، މޫ، ފަދަ ބައިތައް ބޭނުންކޮށްގެން ފާރުގަނޑު، އެތެރޭގައި ހެދޭ ފާރު، މުލިހި، ދިއްގޮނޑި، އަނގައިގެ ފާރު، ފަންގަސްގެ ޖަރާސީމް އެޅުން، ދަދު، ބޮލުގެ ހަމުގެ ބަލިތަކަށް ފަރުވާކޮށްފައި ވެއެވެ.

މީގެ އިތުރުން އަހިވައް ޖޫހަކީ ޝޭމްޕޫ އެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި އެގޮތަށް ބޭނުންކުރުމުން އިސްތަށިތައް ވަރުގަދަވެ، ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދެއެވެ.

• ދިފާޢީ ނިޒާމަށްކުރާ ފައިދާ: އަހިވައް ޖޫހުގައި ދިފާޢީ ބާރު ރަގަޅުކޮށްދޭ ޚާއްޞިއްޔަތެއް ހުރެއެވެ. ދިރާސާތައް ބުނާގޮތުގައި ގަވާޢިދުން އަހިވައް ފަނި ބުއިމަކީ ލޭގެ ހުދު ސެލްތައް އުފެއްދުން އިތުރުކޮށް ރަގަޅުކޮށްދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބަލިތަކުން ދިފާޢުވުމުގެ ބާރު އުފެދެއެވެ.

މީގެ އިތުރުން ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް އަހިވައް ފަނީގައި ބައެއް ހާލަތްތަކާއި ގުޅިގެން ހުރެއެވެ. އެގޮތުން ހުޅުތައް ދުޅަވުމާއި، ގައުޓް، މުލިހި، ބުރަކަށީގައި ރިހުން، އަދި އުރަމަތި ދުޅަވެދޮސްގަތުން ފަދަ ޙާލަތްތަކުގައި މިބުނި ބާރު މަސައްކަތް ކުރެއެވެ.

• ނޭވާލާ ނިޒާމަށްކުރާ ފައިދާ: ނޭވާލާ ނިޒާމަށް ޖެހޭ އާންމު ބަލިތައް ކަމަށްވާ، އަރިދަފުސް ރޯގާ، ކެއްސުމާއި ކަރުތެރެ ހަލާކުވުން، އެލާރޖީ، އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް އަހިވައް ބޭނުންކޮށްގެން ލުއިކަން ހޯދައިދެވިދާނެއެވެ.

• ހަޖަމުކުރާ ނިޒާމަށްކުރާ ފައިދާ: ގަވާއިދުން އަހިވައް ފަނި ބުއިމަކީ ހަޖަމުކުރުން ރަގަޅުކޮށްދޭ ކަމެކެވެ. މިކަން މިގޮތަށް ހިނގަނީ:-
o ހަޖަމުކުރުމުގައި ބައިވެރިވާ ދިޔަތައް މައިދާ އަދި ގޮހޮރަށް ދޫކުރާތީ
o ފިތުން ބައިލް ދައުރުވުމަށް ބާރުއަޅާތީ
o ގޮހޮރުގެ ހަރަކާތް އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދާތީ
– މީގެ އިތުރުން ވެސް ހަޖަމުކުރުމުގެ ނިޒާމާއި ގުޅުންހުރި މައްސަލަތައް ކަމުގައިވާ، ބަނޑުހިކުން، ބޭރަށްހިންގުން، މޭނުބައިކުރުން، ހޮނޑުލެވުން، ގޮހޮރުގެ ފާރު، ކާނާއަށް ވިހަވުން، ބަނޑުގައި ރިހުން، އަދި ޑިސެންޓްރީ ފަދަ ބޭރަށް ހިންގުމުގެ ވައްތަރު ތަކަށް ފަރުވާކުރުމަށް ވެސް އަހިވަކުގެ ބޭނުން ހިފައެވެ.

އަދި މިއީ ގޮހޮރުގައި ހުންނަ ޕެރަސައިޓް ތައް މަރާލާ އެއްޗެކެވެ. ރީނދޫވުމާއި، ފުރަމޭގެ ބަލިތަކުގައި ވެސް އަހިވައް ބޭނުންކުރެއެވެ.

ސަމާލުކަމަށް : އަހިވަކުގައި ޞިއްޙީ އެތައް ފައިދާތަކެއްވި ނަމަވެސް ގިނައަދަދަކަށް އެއްފަހަރާ ބޭނުންކުރުމުން ގެއްލުންވުމަކީ ވެދާނެ ކަމެކެވެ. އެގޮތުން ބަނޑުގައިރިހުން، ބޭރަށްހިންގުން، ބަނޑުހިކުން، ވައިބޭރުވުން، މައްސަރުގައި މާގިނައިން ލޭއައުން، ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން އަހިވައް ކެއުމުގައި ސަމާލުވުން މުހިއްމެވެ.

Leave a Reply

Your email address will not be published.

haftha.mv ©