Sat, 6 June, 2020, 3:19 pm
މާސްޓާސް ހަދައިގެން ލިބުނު ވަޒީފާ ދޫކޮށް ޔަތީމުންނަށް ކައްކާ ކާންދިނުމުގައި
450

ހުދު ކުރުތާއަކާއި ހަރުވާޅެއް އަދި ބޮލުގައި ތާކިހަލެއް އަޅައިގެން ހުންނަ މީހެކެވެ. އަބަދުވެސް މޫނުމަތިން ފެންނާނީ ހިނިތުންވުމެވެ. ހާއްސަ ކަމަކީ ބޮޑެތި ތެލީގައި ކުޅުދިޔާ ކޮށްލާ ކަހަލަ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކިކަހަލަ ކެއުންތައް ކެއްކުމެވެ. އެވެސް ހާމައަށް ހުންނަ ތަންތަނުގައެވެ.

މި ސިފަކޮށްދެވުނީ މިފަހުން ފޭސްބުކް ނުވަތަ ޔޫޓިއުބުން ފެނިފައިހުރި މީހެއްގެ ވާހަކަ ކަމަށް ވެދާނެއެވެ. މި ދައްކަނީ “ނަވާބްސް ކިޗަން ފުޑް ފޮ އޯލް އޯފަންސް”ގެ ނަމުގައި ޔޫޓިއުބް ޗެނަލްއެއް ހިންގާ، އެތައް ހާސް ބަޔަކަށް މިއަދާ ޖެހެންދެން ވެސް ކާންދެމުން އަންނަ އިންޑިއާގެ ޙާޖާ މުއިނުއްދީންގެ ވާހަކައެވެ.

އެކިކަހަލަ މޮޅެތި ބިރިޔާނީ ތަކާއި އަވަނެއް ނެތި ފިހެލާ ވައްތަރު ވައްތަރުގެ ކޭކުތަކުގެ އިތުރުން އެކިކަހަލަ މޭވާއިން އޮލަކޮށް ގިރާލާ ޝޭކްތަކާއެކު މިއަދު މުޅި ދުނިޔޭގެ 1.2 މިލިއަން ސަބްސްކައިބާސް އޭނާގެ ޔޫޓިއުބް ޗެނެލް ފޮލޯކުރެއެވެ.

އުމުރުން 39 އަހަރުގެ މުއިނުއްދީން ކައްކާ އެ ކެއްކުންތަކުގެ ރަހަ އޭނާގެ ކެއްކުމުގެ އުކުޅާއި ކައްކާއިރު އަޅާ އެއްޗެހިން ރަހަލާވަރު ކޮށްލާއިރު، އޭނާއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ މޮޅެތި ކެއްކުންތެރިއަކަށް ވެގެން އެކަންޏެއް ނޫނެވެ. އޭނާ އެކަން ކުރާ މައިގަނޑު ސަބަބެވެ.

އެއީ އޭނާ ކައްކާ ކޮންމެ އެއްޗެއް، ހުރި ގޮތަށް ޔަތީމުންނަށް ބެހުމެވެ. ކޮންމެ ހަފްތާއަކު އެވްރެޖްކޮށް ދޭއް ނުވަތަ ތިން ވީޑިއޯ އޭނާ ޔޫޓިއުބަށް އަޕްލޯޑްކުރާއިރު، ކެއުންތަކުން އެތައް ޔަތީމު ކުއްޖެއްގެ މޫނަށް ހިނިތުންވުން އޭނާ ގެނެސްދެއެވެ.

އެގޮތުން، މުއިނުއްދީނުގެ ޓީމުން މަހަކު ގާތްގަނޑަކަށް 1200 ޔަތީމު ކުދިންނަށް ކާންދޭއިރު، މިހާރު އޭނާ އެކަންކުރާތާ ގާތްގަނޑަކަށް ތިން އަހަރު ވެއްޖެއެވެ.

ކޮންމެއަކަސް މުއިނުއްދީންގެ ވާހަކައެވެ. އޭނާއަކީ އަންދްރަ ޕްރަދޭޝްގެ މެދުފަންތީގެ އާއިލާއަކަށް އުފަން، ތެލަންގަނާގައި ބޮޑުވި މީހެކެވެ. އަދި އޭނާގެ އަންހެނުން، ނަހީދާ ބެގަމްއާ ކައިވެނިކުރުމަށްފަހު މުއިނުއްދީން މިހާރު ދިރިއުޅެމުންދަނީ ހައިދަރްއާބާދުގައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހަދައިގެން ހުރި މުއިނުއްދީނަކީ އިންޑިއާގެ ބައެއް މަޝްހޫރު ޓީވީ ޗެނަލްތަކުގައި ގާތްގަނޑަކަށް 13 އަހަރު މަސައްކަތް ކޮށްފައިވާ ޒުވާނެކެވެ.

މުއިނުއްދީން ބުނާގޮތުން، ވަޒީފާތަކުން އޭނާގެ ދިރިއުޅުމުގެ ހަރަދު ބަރަދު ހަމަޖެހުނު ނަމަވެސް، އެކަމުން އެއްވެސް ހިތްހަމަޖެހުމެއް އޭނާއަށް ނުލިބުނު ކަމަށެވެ. އެގޮތުން މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން، އިޖްތިމާއީ ދާއިރާގައި ތަފާތު ކަމެއް ކުރުމަށް ދެ ރައްޓެހިން ކަމަށްވާ ސްރިނާތް ރެޑީ އަދި ބަގަތް ރެޑީ އާއެކު މަޝްވަރާ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އެވަގުތު އެފަދަ ކަމެއް ކުރާނެވަރުގެ ތަނަވަސް ކަމެއް ނެތުމުން އެކަން އޭރު ނުވި ނަމަވެސް، އޭގެ ދެ އަހަރު ފަހުން މުއިނުއްދީން ޔޫޓިއުބް ޗެނަލް ހަދައި މަސައްކަތް ފެށިއެވެ.

ޔޫޓިއުބް ޗެނަލް ހެދިއިރު ވެސް އޭނާއަކީ ކައްކަން އެނގޭ މީހެކެވެ. އެގޮތުން އިންޑިއާގެ އެކި ހިސާބުތަކުގައި ކައްކާ ކާއެއްޗެހި، އެ އެއްޗެހި ކައްކަން ދަސްކޮށްދޭ ފޮތްތަކުންނާއި ވީޑިއޯތައް ބަލައިގެން އޭނާ ދަސްކުރިއެވެ.

“އެކަނި ދިރިއުޅުނުއިރު، ފޫހިފިލުވާލަން އަހަރެން ކައްކާ އުޅުނިން. އަދި އަހަރެންނަކީ އާދައިގެ މެދުފަންތީގެ އާއިލާއަކުން އައިސްފައިހުރި މީހެއް ކަމުން، ކޮންމެ ފަހަރަކު މީރު ކާއެއްޗެހި ގަންނާކަށް ވެސް ފައިސާއެއް ނުހުރޭ. އެހެންވެގެން ރެސިޕީތައް ބަލައިގެން އަމިއްލަ ބަދިގޭގައި މޮޅެތި އެއްޗެހި ކައްކަން ފެށީ. އަހަރެންގެ ރައްޓެހިންނާއި ހާއްސަކޮށް އަހަރެންގެ ދަރިން، އަހަރެން ކައްކާ އެއްޗެހި މީރު ވެގެން އުޅޭ. އެމީހުން ބުނާނެ އަހަރެންގެ އިންނަނީ ޖާދޫ އަތެކޭ. ނަވާބްސް ކިޗަން ފެށިފަހުން، ފަހަތަށް ބެލުމެއް ނެތް،” މުއިނުއްދީން އޭނާ ކައްކަން ފެށިގޮތް ކިޔައިދިނެވެ.

އެގޮތުން ނުވަ ގަޑިއިރު އަރާމުކަމާއެކު އޭސީ ދަށުގައި މަސައްކަތްކުރަން އުޅުނު މުއިނުއްދީން މިއަދު ގަދަ އަވީގައި ގާތްގަނޑަކަށް 12 ނުވަތަ 13 ގަޑިއިރު ހޭދަކުރެއެވެ.

ކައްކާ ވީޑިއޯ ނެގުމަށް ރަނގަޅު ތަނެއް ހޯދުމާއި، ކައްކަން ބޭނުންވާނެ އެންމެ ފުރިހަމަ އެއްޗެހި ހޯދުމުން ފެށިގެން އެދުވަހެއްގަ ކައްކާ ކެއްކުން ދިރާސާކޮށް، ބޮޑެތި ތެލިތަކުގައި ކައްކާ، އެންމެ ފުރިހަމަ މީރު ކާއެއްޗެއް ހެދުމަކީ އޭނާގެ އެންމެ ބުރަ މަސައްކަތެވެ.

“މި މަސައްކަތް ފަށައިގެން ގާތްގަނޑަކަށް ހަތަރު މަހު، ހުރިހާ މަސައްކަތެއްގައި އުޅުނީ އަހަންނާ ދެ ރައްޓެހިން. މިއަދު އަހަރެމެންނަށް އެހީވާން ހަތް މެމްބަރުންގެ ޓީމެއް އެބައޮތް. އެންމެންނަކީ ވެސް ކެއްކުމަށް ލޯބިކުރާ ޔަތީމުންނަށް ކާންދިނުމުގައި ބައިވެރިވާން ބޭނުންވެގެން އައި މީހުން. ބައެއް ދުވަސް ދުވަހު، ގިނަ ވަގުތު ކޮޅަށް ހުންނަން ޖެހުމުން އަތާއި ބުރައްކައްޓާއި މެޔަށްވެސް ތަދުވޭ. ނަމަވެސް ކައްކާ ނިމި، ޔަތީމުންނަށް އަހަރެން ކެއްކި އެއްޗެހި މީރުވެގެން އުޅޭތީ އެ ތަދުމަތިން ހަނދާން ނެތޭ،” މުއިނުއްދީން ބުންޏެވެ.

އޭނާ ބުނީ، ޔޫޓިއުބް ޗެނަލް ހިންގަން ފެށީ ނިއުސް ޗެނަލްއެއްގައި އުޅެމުން ކަމަށެވެ. އަދި އޭނާ ކުރާ މަސައްކަތް ކުންފުނިން ބަލައިގެން ކަމަށާއި ނަމަވެސް ވީޑިއޯތައް ވައިރަލް ވުމުން، އޭނާގެ މަސައްކަތަށް ބުރޫ އަރާ ކަމަށް ބުނެ، ކޮންމެވެސް އެއްކަމެއް ހިޔާރުކުރުމަށް އެދުނު ކަމަށެވެ.

އަދި އޮފީހުން ނުކެނޑުމަށް ކުންފުނިން މުސާރަ ވެސް ބޮޑުކުރި ކަމަށާއި ނަމަވެސް އޭނާއާއި ދެ ރައްޓެހިން ނިންމީ ވަޒީފާއިން ކެނޑިގެން ޔަތީމުންނަށް ކާންދިނުމުގައި ކުރިއަށްދާން ކަމަށް މުއިނުއްދީން ބުންޏެވެ. އަދި އޭނާ އާއި ދެ ރައްޓެހިން ވެސް ވަޒީފާއިން ކެނޑުނީ އެއްދުވަހެއްގައި ކަމަށް އޭނާ ބުންޏެވެ.

“އަހަރެންގެ ބައެއް އެހެން ރައްޓެހިން ބުނާނެ، މިކަހަލަ ހަޑި މަސައްކަތެއް ތިކުރަނީ ކީއްކުރަންހޭ. މުޅި އުމުރަށް ކައްކާއަކަށް ވެގެންހޭ އުޅެން ބޭނުންވަނީ؟ ހަފްލާތަކަށް ވެސް ކައްކައިދޭން ފަށާނަންދޯއޭ. ކުރިން މިކަހަލަ އެއްޗެހިކީމަ އަސަރުކުރި. ނަމަވެސް ފޭނުންގެ ފަރާތުން ލިބޭ ހިތްވަރުން ކުރިއަށްމިދަނީ. އަހަރެންގެ އަންހެނުން ވެސް މިކަމަށް ވަރަށް ބޮޑު ހިތްވަރެއްދޭ. އޭނާ އާއި ދަރިން އަބަދުވެސް އަހާނެ ކޮން އާއެއްތޯ ކައްކަން އުޅެނީ. އެމީހުންނަކީ އަހަރެންގެ އެންމެ ވަރުގަދަ ސަޕޯޓް ސިސްޓަމް،” މުއިނުއްދީން ބުންޏެވެ.

އޭނާ ބުނީ، މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ މީހުން ވެސް އެމީހުންގެ މަސައްކަތަށް ތައުރީފުކުރާ ކަމަށެވެ. އަދި ބައެއް ބެލެނިވެރިން، އެމީހުންގެ ކުދިންގެ އުފަން ދުވަސް ފާހަގަކުރަން ބާއްވާ ޕާޓީގެ ފައިސާ ވެސް ޔަތީމު ކުދިންނަށް ކައްކާ ކާންދިނުމުގައި އެހީވުމަށް ފޮނުވަމުންދާ ކަމަށް މުއިނުއްދީން ބުންޏެވެ.

މުއިނުއްދީނާއި އޭނާގެ ޓީމުގެ މަސައްކަތް ހިންގުމަށް ހަމައެކަނި ފައިސާ ލިބެނީ ވީޑިއޯތައް މެދުވެރިކޮށް ލިބޭ ފައިސާ އާއި ބައެއް ހެޔޮ އެދޭ ފަރާތްތަކުންދޭ އެހީއެވެ. އެކަމުގެ ސަބަބުން ވީޑިއޯތައް ހެދުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މުއިނުއްދީންގެ ޓީމުން ފެށި މަސައްކަތް ހުއްޓުމުގެ ވިސްނުމެއް ނެތެވެ. އުއްމީދަކީ ގިނަ ޔަތީމުހާނާތަކަށް ގޮސް ގިނަ ކުދިންނަށް ކެއުން ފޯރުކޮށްދިނުމެވެ.

“ކާއެއްޗެއް ނުލިބިފަ ހުރި މީހަކަށް ކާން ދެވުމުން އިހުސާސް ކުރެވެނީ ސުޕަހީރޯއެކޭ. އަހަރެން އަދިވެސް ހަނދާން އެބަހުރި، ގެއެއްނެތި މަގުމަތީގައި އުޅުނު މީހަކަށް ފުރަތަމަ ކާނާ ޕެކޭޖް ދިން ދުވަސް. އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަން ފެނިފައި، ސައިކަލުގައި ގެއަށްދިޔައިރު އަހަރެންގެ ހުރިހާ ކަންބޮޑުވުމެއް ފިލި. އެ އުފާވެރިކަން ބަޔާންކުރަން ވެސް ދަތި. އަހަރެން އޭރު ވިސްނާލިން. އެންމެ މީހަކަށް އަހަންނަށް ކާން ދެވިގެން މިހާ އުފާވާނަމަ ހާހެއްހާ މީހުންނަށް ކާން ދެވުމުން އަހަރެން ވާނެ އުފާ،” މުއިނުއްދީން ބުންޏެވެ.

ހިޔާލު ފައުޅުކުރައްވާ

    މާތްﷲ މިމީހާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި އާމީން

  1. Maaii Allah mi meehaa ah baeakaailahvaa eynage umuru dhigukurahvaa mudhalugaii barakii lahvaa faafafuhsavaa rahmaii lahvaashi
    Aameen?

  2. މީނައަކީ ކޮންދީނެއްގެ މީހެއްބާ އާޓިކަލް ހާދަ ރަނގަޅުވީހޭ އެ މަޢުލޫމާތު ހިމެނިނަމަ އެއީ މުސްލިމްވުންދޯ ފުރަތަމަ ފިޔަވަޅަކަށްވާންވާނީ ދެން ﷲއަށްޓަކާދޯ އެކަން ކުރަންވާނީ އޭރަށްދޯ އޭނާއަށް ޙަޤީޤީ ލާބައެއް ލިބޭނީ ނޫނީ ބޭކާރު ކަމެއް ….ﷲ އޭނާއަށް ހެޔޮގްތް މިންވަރުކުރައްވަފާނެ ވައްﷲ އައުލަމް.

Leave a comment

Your email address will not be published.