Fri, 3 April, 2020, 5:16 am
ހުއްޓާލަކަށް ނުވޭތަ..؟ތިޔަމަރާލަނީ އެތަށް ކުޑަކުދިންނެއް

1981 ވަނަ އަހަރު ޖަޕާނުގެ ޢިލްމު ވެރިއެއް ކުރި ދިރާސާ އަކުން އެގިގެންދިޔައީ ނުސީދާ ދުމުން އިންސާނާގެ ހަށިގަނޑަށް ހީވެސް ނުކުރާވަރަށް ވުރެ ބޮޑަށް ގެއްލުންލިބިގެންދާކަމުގެ އިލްމީ ހެކިތައް ހޯދި ވަނީ ސާބިތުވެފައި ވެއެވެ.

އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ނުވަތަ ނުސީދާގޮތެއްގައި ދުންފަތުގެ ދުމުން އަސަރުކޮށްގެންނެވެ.

ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކުދިން ނޭވާލަނީ ދުންފަތުގެ ދުމުން ތަޣައްޔަރުވެފައިވާ މާހައުލަކަށް ކަމަށް ދިރާސާތަކުން ދައްކާއިރު އާބާދީގެ 40 އިންސައްތަ ކުދިންގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. މާނައަކީ ގޭތެރެއިން އެކުދިން ދުންފަތުގެ ދުމަށް ހުށަހެޅެއެވެ. ދުންފަތުގެ ދުމަށް ހުށަހެޅިގެން މަރުވާ މީހުންގެ ތެރެއިން 31 އިންސައްތަ އަކީ ކުޑަކުދިންނެވެ. ގޭތެރެއިން ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުން އަވަސްކުރާ ކަމެކެވެ. ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަށް މަގުފަހިކުރާ ކަމެކެވެ.

ހަމަ އެއާއިއެކު ނުސީދާ ދުމަށް ހުށަހެޅުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު 20 އިންސައްތަ އިތުރުކުރާ ކަމެކެވެ. އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު 23 އިންސައްތަ އިތުރުކުރުވައެވެ. ދުންފަތުގެ ދުމަށް ހުށަހެޅުމުގައި ވަކި މިންވަރަކަށް ހުށަހެޅުމަކީ ރައްކާތެރި ކަމެކޭ ބުނެވޭކަން ނެތެވެ. މާނައަކީ ކިތައްމެ ކުޑަ މިންވަރަކަށް ހުށަހެޅުނު ނަމަވެސް އެކަމުގެ ގެއްލުން ހަށިގަނޑަށް ކުރާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް އެތެރެވެގެންދާ ދުމުގައި 7000 އަށްވުރެ ގިނަ ކެމިކަލް އެކުލެވިފައި ވެއެވެ. އޭގެ ތެރޭގައި 250 އަށްވުރެ ގިނަ ހަށިގަނޑަށް ގެއްލުންދެނިވި، ތަފާތު ވިހަ ކެމިކަލްތައް ހިމެނެއެވެ. އަދި އޭގެތެރެއިން 70 ވަރަކަށް ކެމިކަލް އަކީ ކެންސަރު ޖެހުމަށް މަގުފަހިކުރާ މާއްދާތަކެއްކަން ވަނީ ހޯދިފައެވެ.

Leave a comment

Your email address will not be published.