Fri, 5 June, 2020, 12:29 pm
ކޮލެސްޓްރޯލް ދައްކުރުމަށް ކެއުމުގައި މިތަކެތި ބޭނުން ނުކުރޭ
215

ކޮލެސްޓްރޯލް ނުވަތަ ސަރުބީއަކީ އިންސާނުންގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ އެކުލެވޭ މާއްދާ އެކެވެ. ނުވަތަ ލޭގައި ހުންނަ ސަރުބީގެ ވައްތަރެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ.

ކޮންމެ އިންސާނަކަށް ވެސް އެމީހެއްގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. އެހެން ނަމަވެސް ކޮންމެ އިންސާނަކަށް ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ބޭނުންވަނީ ވަކި މިންވަރަކަށެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރު ހައްދު ފަހަނައަޅައި ގޮސް އެއަށްވުރެ ގިނައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރުމަކީ ތަފާތު ބަލިތައް ފެންމަތިވެގެން އަންނާނެ ކަމެކެވެ.

ސަރުބީ މަތިވުމަކީ ލޭގައި ހުންނަ ސަރުބީގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމެވެ. އާންމު ގޮތެއްގައި ސަރުބީ މަތިވުން ނިސްބަތް ކުރެވެނީ ލޭގައި ސަރުބީގެ ވައްތަރުތައް ކަމުގައިވާ ކޮލެސްޓްރޯލް އަދި “ޓްރައިގްލިސެރައިޑް”ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމަށެވެ.

ލޭގައި ސަރުބީގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ.

މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭ ދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތް ހުއްޓުން، ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.

އަދި ކެއުމުގައި ސެޗިޔުރޭޓެޑް ފެޓް، އަދި ކޮލެސްޓްރޯލް ހިމެނޭ މިންވަރު މަދުކުރާށެވެ. ސެޗިޔުރޭޓެޑް ފެޓް އަދި ކޮލެސްޓްރޯލް ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކުކުޅު ބިހުގެ ގޮބޮޅި، ހޯލް މިލްކު، ބަޓަރު، އަދި ޗީޒް ފަދަ ތަކެތި ހިމެނެއެވެ. ޓްރާންސް ފެޓު ގިނައިން ހުންނަނީ ޗިޕްސް، ކޫކީޒް، ކްރެކާސް ފަދަ ބަންދުކޮށްފައި ހުންނަ ކާތަކެތީގައެވެ.

Leave a comment

Your email address will not be published.