Fri, 5 June, 2020, 11:27 am
ތިންތަލަ، ޑިންތަލަ ނޫނީ އައިލެންޑު ތަލަ އެއްތަ؟ ކޮންމެ ތަލައެއް ވިޔަސް ދެރަނުވޭ!
7

ފިރިހެނުންގެ ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ އާއްމުކަމެކެވެ. ސައިހޮޓާތަކުގައްޔާއި ކެފޭ ރެސްޓޯރަންޓްތަކުގައްޔާއި ހޮޅުއަށިއަށީގައި އެންމެ ބާރަށް ވާހަކަ ދެކެވޭ މަޢުޟޫއަކީ “ތަލަވާ މައްސަލަ”އެވެ. އެކިމީހުންގެ ބޮލުން އިސްތަށި ފައިބަނީ އެކިގޮތަށެވެ. އެއްބައެއްގެ ނިތްކުރީގެ ދެފަރާތު ކައިރިއަށް ޚަރީފްމޫސުމް އާދެއެވެ. އަނެއްބައެއްގެ ބޮލުގެ މެދަށް “ސުނާމީ” އަރައެވެ.

ތަލަވާން ފެށުމުން ފުރަތަމަކޮޅު މަސައްކަތް ކުރަނީ އިސްތަށިކޮޅު ސަލާމަތުން ހުރިދިމާ ކާނާއަޅާ ބޭސް ދީގެން ދިގުކޮށް ތަލަވާ ހިސާބު ފޮރުވައިލެވޭތޯއެވެ. މިކަމަށް ބައެއްމީހުން ބޮޑު ޚަރަދު ވެސް ކުރެއެވެ. އެހެން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބި އިސްތަށިކޮޅު ފައިބާ ވިއްސިވިހާލިވެ ފަތްވެެރެމުންގޮސް ޑިންތަލަ ނުވަތަ ސެޓީތަލައަކަށް ބަދަލުވެދާނެހެންހީވެ ލޯގަނޑުން އިރުއިރުކޮޅާ ބަލައި ރޮއި ކަރުނަ އަޅާ ވެސް އުޅެއެވެ. ބޮލުގައަޅާ ބޮޑެތި ބުރުސް ފެންނަ ކޮންމެ ފަހަރަކު މާޒީ ހަނދާންވެ ކަރުއެލޭނެއެވެ. މީހަކު ވާހަކަދައްކަމުން ހިތްތަލައޭ ބުނާއަޑު އިވުނަސް މަލާމާތްކުރަނީއޭ ހިތާ ގިސްލެވޭނެއެވެ.

ފިކުރު ކުރުމަކީ ބޮލުން ފަތްވެރޭ ކަމެކެވެ. އެކަމަކު ބޮލުން ފަތްވެރެންޏާ ފިކުރު ކުރެވޭނެއެވެ. ފިކުރު ނުކުރާށެވެ. ފަރުވާއާއިގެން އަވަސްވެގަންނާށެވެ.

ތިންތަލައަކީ ނިތްކުރިމަތިން ބޮލުގެ ދެކައިރިން އިސްތަށިފައިބާނަމަ އާޚިރުގައި ބަދަލުވާނީ ތިންތަލައަކަށެވެ. މާނައަކީ ނިތްކުރިން ތަލަވަމުންދާނީ ތިނެއްގެ ބައްޓަމަށެވެ. މިކަމަށް އޮތް ހައްލަކީ ވަރުގަދަ ލޯބޮޑު އަވިއައިނެއް ހޯދާ ނިތްކުރިން އެ ހުސްވަމުންދާ ބައިގައި އަޅުވާފައި ބޭންދުމެވެ. އެއްކަލަ ވަޅުބުރިއެއްފަދަ ނިތްކުރިއަށް ފުރިހަމަކަން ލިބުނީއެވެ.

ސުންތަލަ – މިތަލަ އުފަންވަނީ ބޮލުގެ މެދުންނެވެ. މަޑުމަޑުން ބޮލުގެ މެދުން އިސްތަށި ފައިބަމުންގޮސް ބޮލުގެ މެދުގައި ސުމެއް އެޅެއެވެ. އެސުން ސާދަވިލޭރޭއަށް ހަނދު ބޮޑުވަމުން އަންނަބީދައިން ބޮޑުވަމުންގޮސް މުޅިބޮލަށް ފެތުރޭނެއެވެ. ދެރަނުވާށެވެ. މިކަމުގެ ހައްލަކީ ޒީރޯ ކަޓަކަށް ޤުރުބާން ކުރުމެވެ. އޭރުން އެއްކަލަ ސުންތަލަ ގެއްލި މިލިޓަރީ ކަޓަކަށް ބަދަލުވާނެއެވެ. “އެއީ ތަލައެކޭ” ބުނުމުގެ ބަދަލުގައި ބުނާމީހާ ބުނާނީ “އެއީ ސިފައިންގެ ކުއްޖެކޭ” މިހެންނެވެ. ސިފައިންގެ މީހެއްގެ ޝަރަފާއި ޢިއްޒަތްލިބި މިލިޓަރީ މީހަކަށް ބަދަލުވާށެވެ.

ތިރީސްތަލަ – މިއީ “ތިންތަލަ” އާއި “ސުންތަލަ”އާ ދެ ޕެކޭޖް އެއްކޮށް ލިބުމުން ވާގޮތެކެވެ. ނިތްމަތީ ތިނެއް އެޅިފައި އޮންނައިރު ފުއްކިބަ އާއި ދިމާ މަތިން. މެދުގައި އޮންނާނީ ސުމެއް އެޅިފައެވެ. މިފަދަ މީހުންނަށްވެސް އޮތް ހައްލަކީ “ސުންތަލަ” ލިބޭ މީހާ އަމަލު ކުރާހެން އަމަލުކޮށް މިލިޓަރީ ވެލުމެވެ. ނުވަތަ އަނގައިން ހިފަހައްޓައިލުމެވެ.

އައިލެންޑް ތަލައަކީ ނިތްކުރިމަތީގައި ބޮނޑިއަކަށް އިސްތަށިކޮޅެއް ފަޅުރަށެެއްގެ ސިފައިގައި ހުރެފައި ދެފަރާތު ކައިރި އާއި މަތިން އިސްތަށި ފައިބަމުން ގޮސް ވާތަލައަށް އިނގިރޭސިބަހުން ކިޔާ ނަމެކެވެ. މިހެން ކިޔާ ސަބަބެއް ކަމަށް ތަލަޔާ ބެހޭ ރިސާޗް ހައްދަވާ ޕްރޮފެސަރުން ވިދާޅުވަނީ ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އިސްތަށިފުޅުވެސް މިހެން ހުރުމެވެ. މިބާވަތުގެ ތަލައަކީ ރާއްޖޭގައި އެއްމެ މަދުން އާލާވާ އެއްވައްތަރެވެ. ކަންބޮޑު ނުވާށެވެ. ފަޚުރުވެރި ވާށެވެ. އައިލެންޑް ތަލައަކީ ކޮންމެކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫނެވެ. އޮފިޝަލްކޮށް ޑްރެސްކުރާށެވެ. ކޯޓްފަޓްލޫނުވެސް ލެވެންޏާ ލާށެވެ. ޝާހީވެގެން ހުންނާށެވެ.

ޑިންތަލަ ނުވަތަ ސެޓީތަލަ ނުވަތަ ތަލަބިގަރު ތަލައަކީ ތަލައިގެ އެންމެފަހު ސްޓޭޖެވެ. އަދި އެންމެ ޤަދީމީ ވައްތަރެވެ. މިއީ މިސްރުގެ މަޝްހޫރު ހާމާންގެ ފުށުން ވާރުތަވެގެން އަންނަ ވައްތަރެކެވެ. މިވައްތަރުގެ ތަލައަށް ބަދަލުވާނީ އިސްތަށި ވެރެމުންގޮސް ކިނދު އިސްތައްޓަށް ބަދަލުވެ އެއިސްތަށި ވެސް ފޭބުމުންނެވެ. އެންމެހައި އޮފުވެފައި އޮމާންވާނެއެވެ. މިފާޑުގެ ތަލަ ހުންނަ މީހުންނަށް އޮތް އެޑްވާންޓޭޖަކީ ފަސޭހައިން މަޝްހޫރުކަމެއް ހޯދުމެވެ. ހިކިމީހެއްނަމަ ރެފްރީ ޖާޒީގައި ގިނައިން އުޅޭށެވެ. ލޯބޮޑުކޮށްގެން ހުންނާށެވެ. ކޮލީނާ ހެދިގެން އުޅޭށެވެ. ފަލަނަމަ ރެސްލިން ކެރެކްޓާއެއް ކޮޕީ ކުރާށެވެ. ތަލަފޮރުވަން ތޮފިއަޅާނެ ކަމެއް ނެތެވެ. އެޒަމާން ހިނގައްޖެއެެވެ.

Leave a comment

Your email address will not be published.