• Sat, 11 July, 2020, 8:37 pm

    ބައްޕަގެ ޒިންމާއަކީ ހަމައެކަނި ފައިސާ ހޯދުމެއް ނޫން، އަނބިދަރިންނަށް އަޅައިލާ ވަގުތު ދޭންވާނެ!

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ދިވެހި މުޖުތަމައުގައި ދަރިންބަލައިބޮޑުކުރުމުގެ މަރުހަލާގައި މަންމައިން ކޮށްދޭ މަސައްކަތާއި އަޅާބަލާއިރު، ބައްޕައިންގެ ދައުރު ވަރަށް ކުޑައެވެ. ގިނަ ބަފައިން އެމީހުންގެ މައިގަނޑު ޒިންމާއަކީ ދިރިއުޅުން ކަޑައްތުކުރުމަށް ފައިސާ ހޯދުންކަމުގައިވަނީ ވެފައެވެ. ދަރިންނާއެކު ވަގުތު ހޭދަކޮށް އަނބި މީހާއަށް އަޅައިލައި އެކުގައި ވަގުތު ހޭދަކުރުމަކީ ދިވެހި ބައެއް ބަފައިން ދަންނަ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ، އެފަދަ ބަފައިން ދެކެނީ މިހިރަމިހިރަ ކަންކަމީ އަނބިދަށުވުން ކަމުގައެވެ.

    އަނެއްބައި ބަފައިންގެ ވިސްނުމާއި އަމަލުތައް ހުންނަނީ ކުރިން ދެންނެވުނު ގޮތާއި މުޅިން ހިލާފަށެވެ. އަނބިދަށުވެފައިވާ ފިރިއެއްގެ ލަގަބު ލިބުނަސް ދަރިންނާއި އަނބިންނަށް ލޯބިދީ އެކުގައި ވަގުތު ހޭދަކުރެވޭކަމުގެ އުފާ ހާސިލުކުރަމުން ދިރިއުޅުން ވޭތިކުރަމުންދާ ބަފައިން ވެސް މަދެއް ނޫނެވެ.

    ކުދިންގެ ނަފްސާނީ، އަހުލާގީ އަދި ދިރާސީ ކަންކަން ހެޔޮގޮތުގައި ތަރައްގީވުމަށް ބައްޕައިންގެ ދައުރަކީ މުހިއްމު ދައުރެކެވެ. ހެޔޮ ބަފަޔަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކެއް ހުންނާނެކަން ކަށަވަރެވެ. އެފަދަ ބައެއް ކަންކަމާ މެދު މިލިޔުމުގައި އަލިއަޅުވާލާނަމެވެ.

    1 – ތިބާގެ ދަރިންގެ މައިމީހާއަށް އިހުތިރާމް ކުރާށެވެ.

    ރަނގަޅު ބައްޕައަކަށް ވުމަށްޓަކައި ދަރިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރުމުމެވެ. ކައިވެނީގެ ގޮށުގައި ރަނގަޅަށް ބެނދެވިފައިވާނަމަ އެ ގޮށް މޮހުނަނުދީ ބާރުކުރެވޭތޯ މަސައްކަތްކުރާށެވެ. ގޮށް މޮހެވި ކައިވެނި ރޫޅިފައިވީނަމަ ވެސް ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރަންޖެހެއެވެ. ދަރިންގެ މައިމީހާކަމަށް ވީތީ އޭނާއަށް ވެވުނު މިންވަރަކުން އެހީތެރިވާންޖެހެއެވެ. މަންމަ އާއި ބައްޕަ އެކަކު އަނެކަކަށް އިހްތިރާމުކޮށް އަޅާލުމާއި އޯގާތެރިކަންދީގެން އުޅޭއިރު އެކަން ދަރިން ފާހަގަކުރާނެއެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ރައްކާތެރި މާހައުލެއް ލިބިފައިވާކަމުގެ އިހްސާސް ކުރެވޭނެއެވެ. އެ ކުދިންނަށް ޤަބޫލުކުރެވޭނީ ޚުދު އެކުދިންނަށް ވެސް މައިންބަފައިންގެ އަޅައިލުމާއި އޯގާވެރިކަމާއި އިޙްތިރާމް ލިބިގެންދާ ކަމެވެ.

    2 – ދަރިންނާއެކު ވަގުތު ހޭދަކުރާށެވެ.

    ބައްޕައަކު ވަގުތުތައް ހޭދަކުރާގޮތަކުން އެ ބައްޕައަކަށް މުހިންމުކަންދެވެނީ ކޮންކަމަކާމެދުކަން ދަރިން ވިސްނައިގަންނާނެއެވެ. ދަރިންނާއެކު ހަފުތާއަކު އެއްފަހަރު ނަމަވެސް ވަގުތުކޮޅެއް ހޭދަކޮށް ނުލައިއުޅޭ ބައްޕައިން ދިވެހި މުޖުތަމަޢުގައި މަދެއް ނޫނެވެ. މިފަދަ ބައްޕައިން ބަހަނާ އެއްގެގޮތުގައި ދައްކަނީ މަސައްކަތުގެ ނުވަތަ ވަޒީފާގެ ބުރަކަމެވެ. އެ ބައްޕައިން މަސައްކަތްކުރަނީ ނުވަތަ ވަޒީފާއަދާކުރަނީ ކޮން މަގުސަދެއްކަމާމެދު ވިސްނާނުލެވެނީ ކަމަށް ވެދާނެއެވެ.

    އެހެނީ އާމްދަނީ ހޯދަނީ އެ ދަރިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ކަށަވަރެވެ. އެހެންކަމުން ދަރިންގެ ޙައްޤުގައި ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ސަމާލުކަންދިނުމަކީ ނިހާޔަތަށް މުހިންމު ކަމެކެވެ. ދަރިންނާއެކު ވަގުތު ހޭދަކުރުމުން ދުރުހެލިވެއްޖެނަމަ، އެކުދިން ދެކޭނީ އެ ކުދިންނަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވެނީ ކަމުގައެވެ. މިފަދަ ބަފައިން ދަރިންދެކެ ލޯބިވާކަމަށްބުނެ ކިތަންމެ ވަރަކަށް އެދަރިން ބުނާކަންތައްތައް ކޮށްދިން ނަމަވެސް މި ޙާލަތުގައި އެ ކުދިންގެ ވިސްނުން ހުންނާނީ މި ދެންނެވި ގޮތަށެވެ. ދަރިންނަކީ ބަލަބަލާތިއްބާ އިސާހިތަކުން ބޮޑެތިވެގެންދާނެ ކުދިންތަކެކެވެ. ގެއްލިގެންދާ ކޮންމެ ފުރުޞަތަކީ އަލުން އަނބުރާ ލިބޭނެ ފުރުޞަތެއް ނޫނެވެ.

    3 – އަޑުއެހުމަށް ފުރުޞަތު ހޯދާށެވެ.

    ދަރިންގެ ފަރާތުން ކުށެއްކުރެވުމުން ނުވަތަ އެ ކުދިން ބަސްނާހާ އުޅުމުންމެނުވީ ގިނަފަހަރަށް ބައްފައިން އެކުދިންނާ ވާހަކަދައްކާ ތަނެއް ނުފެނެއެވެ. ބައްޕަ ދަރިފުޅާއި ވާހަކަދައްކާލަން ބޭނުންވާ ކަމަށް މަންމަ ބުނުމުން ގިނަފަހަރަށް އެކުދިން ބިރުގަނެ ޖެހިލުންވަނީ މި ދެންނެވި ސަބަބާ ހުރެއެވެ. މި ކަމަށްއޮތް އެންމެ ރަނގަޅު ހައްލަކީ ވީހާވެސް ޅަޢުމުރުގައި ކަންކަމާމެދު ދަރިންނާއި ވާހަކަދައްކައި ގުޅުން ބަދަހިކުރުމުވެ. ދަރިން ޖެހިލުމެއްނެތި ބައްޕަގެ ގާތުގައި ވެސް ކަންކަމުގެ މަޝްވަރާކޮށް ދިމާވާ އެކިއެކި ކަންކަން ހިއްސާ ކުރުމަށް ހިތްވަރު ލިބޭނީ މި ދެންނެވިގޮތަށް ޢަމަލުކޮށްގެންނެވެ. ދަރިންނަށް ވަގުތުދީ އެކުދިން ދައްކާވާހަކަ އަޑުއަހާށެވެ.

    4 – ލޯތްބާއެކު ތަރުބިއްޔަތު ކުރާށެވެ.

    ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމުގައި ލޯތްބާއި އޯގާތެރިކަން އިސްކުރާށެވެ. ހެޔޮގޮތް ބުނެދިނުމަކީ އަދަބުދޭން ޖެހުމުން އެކަނި ކުރާކަމަކަށް ނަހަދާށެވެ. އެކުދިން އުޅެންވީ ހެޔޮގޮތް އަބަދުވެސް އޮޅުންފިލުވައިދޭށެވެ. ރަނގަޅަށް އުޅުމުން އެކަމުން ލިބޭނެ ލާބަޔާއި މަންފާ އޮޅުންފިލުވައިދޭށެވެ. މަޑުމައިތިރިކަމާއި ލޯތްބާއެކު ކުދިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރާ ބަފައިންނަށް ދަރިންގެ ލޯބި ފުރިހަމައަށް ލިބިގެންދާނެއެވެ.

    5 – ކުދިންނަށް ނަމޫނާއަކަށްވާށެވެ.

    ބައްޕައިންނަށް ޤަބޫލުކުރެވުނަސް ނުކުރެވުނަސް ދަރިން ނަމޫނާއެއްކަމުގައި އެފަރާތް ބަލާނެފަރާތެކެވެ. ބައްޕަގެ ލޯބި ފުރިހަމައަށް ލިބެމުންދާ އަންހެންދަރިފުޅަކުނަމަ އެ ދަރިފުޅަކު ފިރިހެންކުދިންނަށް އިޙްތިރާމްކޮށް ޤަދަރުކުރާނެއެވެ. އަދި ފިރިއެއްގެ ކިބައިން އެ ކުދިން ދެކެން ބޭނުންވާނެ ސިފަތައް އެ ބައްޕަގެ ކިބައިން ހޯދާ ދަސްކުރާނެއެވެ. ބަފައިން އެމީހުންގެ ފިރިހެން ދަރިންނަށް ނަމޫނާދައްކަން ޖެހެއެވެ. ތެދުވެރިކަމާއި، މަޑުމޮޅިކަމާއި ހިތްތިރިކަން އަދި ޒިންމާދާރުވުންފަދަ މުހިންމު ސިފަތައް ޢަމަލުން ދައްކަންޖެހެއެވެ. ދިރިއުޅުމަކީ ދަތުރަކަށް ވީހިނދު މިދަތުރުގެ އިސް މާލިމީއެއްގެ މަޤާމު ބަފައިން ފުރިހަމައަށް އަދާކުރަންޖެހެއެވެ.

    މަސްދަރު: އަޙްމަދު ރަޝީދު / ފަންވަތް.އިންފޯ

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.