Fri, 5 June, 2020, 10:22 am
އޮފީސް މޭޒުމަތީގައި ގަހެއް ގެންގުޅޭނަމަ ވަޒީފާގެ ސްޓްރެސް ކުޑަކޮށްދޭ: ދިރާސާ
792

މޭޒެއް ކައިރީގައި މަސައްކަތްކުރާ ބައެއް މީހުންގެ މޭޒުމައްޗެކޭ ގޮނޑެކޭ ތަފާތެއް ނެތެވެ. އަނެއް ބައި މީހުންނަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފޮޅާ ސާފުކޮށް މޭޒުމަތި ރީތިކޮށް ބޭއްވޭތޯ ބަލާ މީހުންނެވެ. ނަމަވެސް ގޮނޑަކަށް ރީއްޗަސް މޭޒެއްގެ މަތީގައި ބައިންދަން މުހިންމު އެއްޗެއް އެބަހުއްޓެވެ. ގަހެކެވެ.

ޖަޕާނުގެ މާހިރުން ހެދި ދިރާސާއެއްގައި ދުވާލު ގަޑީގައި ގުދުރަތުގެ ފެހިކަން ގިނަ ވަގުތު ނުފެންނަ އޮފީހެއްގައި އުޅޭ 63 މީހަކު ނެގިއެވެ. އެއަށްފަހު ދިރާސާގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުން އޮފީސް މޭޒުމަތީގައި ގަހެއް ނެތި އެއް ހަފްތާ އެމީހުން ހޭދަކުރިއެވެ.

ދެވަނަ ފިޔަވަހީގައި ބޮންސައި، ކެކްޓަސް ކަހަލަ ގޭތެރޭގައި ހެދޭ ކަހަލަ ގަހެއް ދިރާސާގެ ބައިވެރިންނަށް ދީ، އެގަހަށް ހަތަރު ހަފްތާ ވަންދެން އަޅައިލާ ގެންގުޅުމަށް ބުންޏެވެ. އޭގެ އިތުރުން އޮފީސް މާހައުލުގައި ވަރުބަލިވާ ވަގުތު ތިން ވަރަކަށް މިނެޓު މޭޒު ކައިރީގައި އިނދެގެން އަރާމުކޮށްލުމަށް އިރުޝާދު ދިނެވެ.

އަދި ދިރާސާ ހެދުމުގެ ކުރިންނާއި ފަހުން، ދިރާސާގައި ބައިވެރިވި މީހުންގެ ކޮންމެ ދުވަހެއްގެ އެންޒައިޓީ ހުރި މިންވަރާއި ހިތުގެ ވިންދު ހުރި ވަރު ބެލިއެވެ. ނަތީޖާ ދެއްކި ގޮތުން، އޮފީސް މޭޒުމަތީގައި ގަހެއް ބެހެއްޓި ފަހުން، އެ މީހުންގެ ސްޓްރެސް ލެވެލް ވަރަށް ބޮޑުތަން ދަށްވިއެވެ.

ދިރާސާ ހެދި ޔުނިވާސިޓީ އޮފް ޗޯޖޯގެ ލީޑް އޯތާ ޑރ. މަސަހިރޯ ޓޮޔޯޑޯ ވިދާޅުވި ގޮތުގައި، އޮފީސް މޭޒުމަތީގައި ގަހެއް އިނުމުން އޮފީހުގެ މަސައްކަތުން ވަގުތު ކޮޅަކަށް ނަމަވެސް އެމީހާ ދުރުކޮށްދެއެވެ. ނަމަވެސް ފޯނެއް، ކޮމްޕިއުޓަރު ސްކްރީނެއް ނުވަތަ ނޯޓްޕެޑެއް ކަހަލަ އެއްޗަކުން އެ ކަމެއް ނުކޮށްދެއެވެ.

އެހެންކަމުން ކިތަންމެ ކުޑަ ގަހެއް މޭޒުމަތީގައި ބޭންދި ނަމަވެސް މަސައްކަތު މާހައުލުގެ މޫޑު ރަނގަޅު ކޮށްދެއެވެ. އެހެނީ ގުދުރަތުގެ ރީތި ކަމަކީ މީހާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ.

Leave a comment

Your email address will not be published.