Thu, 28 May, 2020, 9:27 am
ހަފްތާ ބަދިގެ – ޗީޒީ ޕޮޓޭޓޯ ސްޓިކް
16

ބޭނުންވާ ތަކެތި:

3 އަލުވި (ފެނުކެއްކުމަށްފަހު ކުދިކޮށް ކޮށާފައި)

¼ ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ ލޮނު

½ ސައިސަމުސާ އަސޭމިރުސް

¼ ޖޯޑު ލަންޗަން މީޓް (ތުނިކޮށް ކެފުމަށްފަހު ކުޑަ ތެޔޮ ފޮދެއްގައި ފިހެ، ކުދިކޮށް ކޮށާފައި)

1 ތަށި ޕްލޭން ޔޯގަޓް (ކުޑަ ލުނބޯ ކޮޅެއް ޖަހާފައި)

1 ގަނޑު މޮޒަރެއްލާ ޗީޒް (ދިގުކޮށް ކޮށާފައި)

1 ޖޯޑު ފުށް

3 ބިސް

2 ޖޯޑު ބްރެޑް ކްރަމްބްސް

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ފެނުކެއްކި އަލުވި، ޔޯގަޓް، ފިޔާ، ލަންޗަން މީޓް، ލޮނު އަދި އަސޭމިރުސް ރަނގަޅަށް އެއްވަންދެން މޮޑެލާށެވެ.

އަދި މި މަސްގަނޑުން މޭޒުމަތީ ސަމުސަލެއްގެ އެތިކޮޅެއް ނެގުމަށްފަހު އަތުން ގުޅަ އަކަށް ވަށާލާށެވެ. އަދި ގުޅައިގެ ތެރެއަށް ދިގުކޮށް ކޮށި މޮޒަރެއްލާ ޗީޒްގެ އެތިކޮޅެއް ލުމަށްފަހު މަސްގަނޑާލާ ފޮރުވާލާށެވެ.

ފުށް، ބިސް އަދި ބްރެޑް ކްރަންބްސް ވަކިން ތިން ބޯތައްޓަށް އަޅާށެވެ. އަދި ޗީޒް އެތެރެއަށް ލާފައި ހެދި މަސްގަނޑުތައް ފުރަތަމަ ފުށަށްލާށެވެ. އެއަށްފަހު ބިސް ތައްޓަށްލައި ރަނގަޅަށް ބިސް ހާކާލުމަށްފަހު ބްރެޑް ކްރަންބްސް ތައްޓަށްލާ ރަނގަޅަށް އެއްކޮށްލާށެވެ.

މި އެއްޗެހިތައް ބޭނުންނަމަ އަވަނުން ފިހެލަން ނުވަތަ ތެލަށްލާ ތެއްލާވެސް ލެވިދާނެއެވެ. ކޮންމެ ގޮތަކަށް ހެދިއަސް މީރުވާނެއެވެ.

މި އެއްޗެހި ފިހެލާނަމަ އަވަން 200 ޑިގްރީ ސެލްސިއަސްގައި ހޫނުކުރުމަށްފަހު ޓްރޭއެއްގައި މި  ސްޓިކްތައް އަތުރާލައި، ކުޑަ އޮލިވް އޮއިލް ކޮޅެއް މީގެ މައްޗަށްބުރުވާލާށެވެ. އަދި 15 ވަރަކަށް މިނެޓް ވަންދެން ނުވަތަ މެދުގައި އިން ޗީޒްކޮޅު ދިޔާވެ ބޭރު މަޑު ރަން މުށިކުލައަކަށް އަރަންދެން ފިހެލާށެވެ.

ތެއްލަން ބޭނުންނަމަ، ހޫނުކުރެވިފައިވާ ތެޔޮކޮޅެއްގައި ރަން މުށިކުލަ އަރަންދެން މި ސްޓިކްތައް ތެއްލާލާށެވެ. ލޮނުރަހަ މަޑުނަމަ ކުޑަ ލޮނުކޮޅެއް މީގެ މައްޗަށް ބުރުވާލީމައި އެ ނިމުނީއެވެ. ހިހޫ ކޮށްގެން ކާލަން ވަރަށް މީރުވާނެއެވެ.

Leave a comment

Your email address will not be published.