މުޙައްމަދު އިބްރާހިމް
02 June 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

1 ޕެކެޓް މާރީ ބިސްކޯދު

100 އެމްއެލްގެ ހޫނު ފެން

2 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރު (ނެސްކެފޭ)

500 އެމްއެލް ދިޔާ ކިރު

3 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރު

3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

½ ޖޯޑު ހަކުރު (ބޭނުންނަމަ އިތުރުކުރެވިދާނެ)

1 ޖޯޑު ވިޕްޑް ކްރީމް

2-3 މެޒުމަތީ ސަމުސާ އައިސިންގް ޝުގަރ

2 މޭޒުމަތީ ސަމުސާ ނިއުޓެއްލާ (ދިޔާކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

ޓްރޭއެއްގެ ފުލުގައި މާރީ ބިސްކޯދުތައް އަތުރާލާށެވެ.

ކޮންޓެއިނަރެއްގައި ކޮފީކޮޅު އަދި ހޫނުފެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކޮފީކޮޅުން ސަމުސަލެއްގެ މިންވަރު ބެހެއްޓުމަށްފަހު ބާކީބައި ކުރިން ޓްރޭގައި އެތުރި ބިސްކޯދުތަކުގެ މައްޗަށް އަޅާލާށެވެ.

ތަވައެއްގައި ކިރު، ކަސްޓަޑް ޕައުޑަރު، ކޮކޯ ޕައުޑަރު އަދި ހަކުރު ރަނގަޅަށް އެއްކޮށްލުމަށްފަހު މަޑު ގިނީގައި މިމިކުސް އޮލަވަންދެން ކައްކާލާށެވެ. އެއަށްފަހު ހިހޫވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ. ހިހޫވުމުން ކުރިން ޓްރޭގައި އަތުރާލި ބިސްކޯދުތަކުގެ މައްޗަށް މިމިކުސް ފަތުރާލާށެވެ.

އިތުރު ކޮންޓެއިނަރެއްގައި ވިޕިންގް ކްރީމް، އައިސިންގް ޝުގަރ އަދި ކުރިން ނަގާފައި ބެހެއްޓި ސަމްސަލެއްގެ ކޮފީ އަޅައި ރަނގަޅަށް ވިޕްކޮށްލާށެވެ. އެއަށްފަހު ޓްރޭގައި ހުރި ކަސްޓަޑްކޮޅުގެ މަތީގައި މިމިކުސް ފަތުރާލާށެވެ. މީގެ މައްޗަށް ދިޔާކޮށްފައި ހުރި ނިއުޓެއްލާކޮޅު އަޅައި ސަމުސަލެއް ބޭނުންކޮށްގެން ކްރީމްގެ މަތީގައި މަޑުމަޑުން ފަތުރާލާށެވެ.

ކެއުމުގެ ކުރިން ސެޓްކޮށްލުމަށް ފްރިޖްގައި 2 ގަޑިއިރު ބަހައްޓާލަން ވާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©