Sun, 23 February, 2020, 3:55 am
ހަފްތާ ބަދިގެ – ޕިސްޓާޝިއޯ މިލްކު ކޭކް

ކޭކު ތައްޔާރުކުރަން ބޭނުންވާނެ ތަކެތި

125 ގ. ޕިސްޓާޝިއޯ ނަޓްސް

3 ބިސް

50 ގ. ބަޓަރު (ދިޔާކޮށްފައި)

¼ ޖޯޑު ތެޔޮ

¼ ޖޯޑު ހަކުރު

1 ސައި ސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ފުށް

¼ ޖޯޑު ކޯން ފުލާރ

1 ސައި ސަމުސާ ބޭކިން ޕައުޑަރ

¼ ސައި ސަމުސާ ލޮނު

ކޭކަށް އަޅާކިރު ތައްޔާރުކުރަން ބޭނުންވާނެ ތަކެތި

1 ދަޅު އެވަޕަރޭޓެޑް މިލްކު

1 ދަޅު ގެރިކިރު

¼ ޖޯޑު ދިޔާ ކިރު

ތައްޔާރުކުރާނެ ގޮތް

ތަވައެއްގައި ފިސްޓާޝިއޯ ނަޓްސްކޮޅު ފިހެލާށެވެ. އެއަށްފަހު މި ބަދަންކޮޅު މިކްސަރަކަށް އަޅައި ފުޑުކޮށްލާށެވެ. ފުޑުކުރި ބަދަންތަކުގެ 3 މޭޒުމަތީ ސަމްސާ ވަކިން ނެގުމަށްފަހު އެއް ފަރާތެއްގައި ބަހައްޓާށެވެ.

ބިހުގެ ގޮބޮޅި އާއި ހުދުބައި ވަކިކޮށްލާށެވެ. މީގެ ހުދު ބައި ކޮންޓެއިނަރަކަށް އެޅުމަށްފަހު، ކުޑަ ލޮނުކޮޅެއް އަޅައި ވިޕްކޮށްލާށެވެ. އިތުރު ކޮންޓެއިނަރެއްގައި ބިހުގެ ގޮބޮޅި، ބަޓަރު، ތެޔޮ، އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް ވެނީލާ އެސެންސްކޮޅު އަޅައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.

މީގެ ތެރެއަށް ފުށް، ކޯންފުލާރ، ބޭކިން ޕައުޑަރ އަދި ކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް ކުރިން ފުޑުކުރި ބަދަކޮޅު އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ. (މިއީ ވަކިން ނަގާފައި ބެހެއްޓި ބަދަންކޮޅެއް ނޫނެވެ)

އަވަން 180 ޑިގްރީ ސެލްސިއަށް ހޫނުކުރަން ޖައްސާށެވެ. އަދި ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މި މިކްސް އަޅައި 30 ނުވަތަ 40 މިނެޓް ވަންދެން އަވަންގައި ފިހެލާށެވެ. ކޭކު ފިހެވުނުތޯ ބަލަން ކޭކުގެ މެދަށް ޓޫތްޕިކެއް ހަރާލުމަށްފަހު، އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ.

ކޭކަށް އަޅާ ކިރުކޮޅު ތައްޔާރުކުރުމަށް، ކޮންޓައިނަރެއްގައި އެވަޕަރޭޓެޑް މިލްކު، ގެރިކިރު ދިޔާ ކިރު އަދި ކުރިން ވަކިކޮށްފައި ބެހެއްޓި ތިން ސަމްސާ ބަދަންކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އަވަންގައި ފިހުނު ކޭކު ހިހޫވުމުން، އުލެއް ބޭނުންކޮށްގެން މުޅި ކޭކުގައި ލޯވަޅު އަޅާލާށެވެ. އަދި ދެންމެ ތައްޔާރުކުރި ކިރުކޮޅު ކޭކުގެ މައްޗަށް އޮއްސާލާށެވެ. ފިނިކުރުމަށް ފުރިޖުގައި ދެ ގަޑިއިރު ކޭކު ބަހައްޓާލަންވާނެއެވެ.

Leave a comment

Your email address will not be published.