.
28 November 2014
މަޤްބޫލު ޙަބަރު

1681

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސްރީންލަންކާ އަށާއި ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 27 ން 29 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އެންޑް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (ސާސިއަން) ޑިފެންސް ޗީފްސް ޑައިލޮގް 2014 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާސިއަން ޑިފެންސް ޗީފްސް ޑައިލޮގް ކޮންފަރެންސްއަކީ، ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހި ކުރުމާއި، އެއް ޤައުމު އަނެއް ޤައުމާއި ގުޅިގެން ހިންގިދާނެ ހަރަކާތްތަކާއި ބެހޭގޮތުންނާއި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވާ ކޮންފަރެންސްއެކެވެ. އަދި އޭޝިއާ ސަރަހައްދުގެ ޑިފެންސް އެންޑް ސެކިއުރިޓީ ޕޮލިސީ އާއި ގުޅޭ ގޮތުން، ހިންގޭނެ ހަރަކާތްތަކާއި ގުޅޭގޮތުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ އަސްކަރީ ކޮމާންޑަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕާކިސްތާނަށް ވަޑައިގަންނަވާގޮތައްވެސް ވަނީ ހަމަޖެހިފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަކީ އަންނަ ޑިސެންބަރު މަހުގެ އެކަކުން ހަތަރަކަށް ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒެބިޝަން އެންޑް ސެމިނަރ (އައިޑިއާސް) ގައި ބައިވެރިވެ ވަޑައިގަތުމަށް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅެކެވެ.

ޕާކިސްތާނުގެ ކަރާޗީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އައިޑިއާސް 2014” އެގްޒިބިޝަނަކީ، އަސްކަރީ ދާއިރާއިންނާއި އިޖުތިމާޢީ ދާއިރާއިން ޕާކިސްތާނު ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމަށް ބާއްވާ އެގްޒިބިޝަނެކެވެ. ޗީފް އޮފް ޑިފެންސް ފޯސް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި އަސްކަރިއްޔާ އާއި ޕާކިސްތާނުގެ އަސްކަރިއްޔާގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި، ދެޤައުމު ގުޅިގެން ހިންގިދާނެ ހަރާކާތްތަކާއި ބެހޭގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށާއި ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް އިބްރާހީމް ނާސިރު އިންޓަރނޭޝަންލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދާއި ޑައިރެކްޓަރ ޖެނަރަލް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ ބްރިގޭޑިއަރ ޖެނަރަލް އަޙުމަދު ޝާހިދާއި ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ސިފައިންގެ ބައެއް އޮފިސަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސްރީލަންކާ އަށާއި ޕާކިސްތާނަށް ކުރައްވާ މިދަތުރުފުޅުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ބައިވެރިވެ ވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published.

haftha.mv ©