.
29 November 2014
މަޤްބޫލު ޙަބަރު

48914_a30816e4-0_

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށްް ދިވެހިރާއްޖެއިން ކުރަމުން އަންނަ ތާޢީދު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަކުރާރު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަ ކުރާ މުނާސަބަތުގައި  ހޮނިހިރު ދުވަހު ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަހަރަކީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ އަހަރު ކަމުގައިވާ ހިނދު، ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްޤު އެޤައުމުގެ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އުއްމީދަކީ، ފަލަސްތީނުން އ.ދގެ ފުރިހަމަ މެންބަރަކަށްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބު ލިބިގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ. އަދި ‏ޕަލަސްތީން ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށް ކުރެވޭ މަސައްކަތްތަކަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރަށް، އ.ދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނުގެ މައްސަލާގައި ބައިނަލްއަޤުވާމީ ދުނިޔޭގައި ‏ދިވެހިރާއްޖެއިން ‏އަޑުއުފައްލަވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްޠީނުގެ ‏އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ‏ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

 

Leave a Reply

Your email address will not be published.

haftha.mv ©