Sun, 23 February, 2020, 4:07 pm
މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭޕްރީލް 11 އަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމަށް އިދިކޮޅު 15 މެމްބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

އޭޕްރީލް 11 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކުރިކަން މިހާރު ވަނީ މެމްބަރުންނަށް ލިޔުމުން އަންގާފައެވެ.

އެކަމާ ގުޅޭގޮތުން މޫސަ ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް އޭނާ އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށާއި އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ކަމެއް ކުރަން ހުންނަ ބޭފުޅެއް ކަމަށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެ ވޯޓު ވެސް އިދިކޮޅު ފަރާތްތަކަށް ނާކާމިޔާބުވާނެ ކަމަށެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ މޫސާ މަނިކުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަންޖެހުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް އޭނާ މަސައްކަތް ކުރަވަމުން ގެންދަވާތީ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހެޅި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ސަބަބަކީ ގަވާއިދާ ޚިލާފަށް މަޖިލީސް މިއަދު ބޭއްވުމުން ކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.