Fri, 3 April, 2020, 5:34 am
މެމްބަރު އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު  ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ދޫކޮސްލައިފިއެވެ.

މެންބަރު ރިޔާޒު ދޫކޮށްލާފައިވަނީ އޭނާގެ ފޯނު އަތުލުމަށް ފަހުއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބުނީ ރިޔާޒު ހައްޔަރުކޮށްފައި ވަނީ މިރޭގެ 10:00 ހާއިރު  މާވެޔޮމަގުން ކަމަށެވެ. އެ ޕާޓީން ބުނީ އޭނާ ހައްޔަރުކުރީ ކީއްވެގެންކަމެއް އެނގިފައިނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ފުލުހުން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ރައީސް ޔާމީންގެ ސަރުކާރާ ޚިޔާލުތަފާތު ބޭފުޅެކެވެ. މި ސަރުކާރުން ގާނޫނާ ޚިލާފަށް ކުރާ ކަންތައްތައް ފާހަގަކޮށް ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި ވެސް ރިޔާޒު ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

ރިޔާޒު ފުލުސް އޮފިހުން ދޫކޮށްލީ މިރޭ 11:45 ހާއިރުއެވެ.