Sun, 23 February, 2020, 2:20 am
ސަސްޕެންޑުކޮށްފައިވާ ސުލޫކީ ކޮމެޓީއަކުން މައްސަލަ ނުބެލޭނެ: ޔުމްނާ

ސަސްޕެންޑުކޮށްފައިވާ ސުލޫކީ ކޮމެޓީއަކުން މައްސަލަ ނުބެލޭނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން ފެކްޝަނުން އޭނާ އަށް އަންގާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުކަމުން މީހުން ވަކިކުރުމަކީ ވެސް ސަސްޕެންޑުކޮށްފައިވާ ސުލޫކީ ކޮމެޓީއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މުސްތަޝާރު ފެކްޝަނުން ވަނީ ޕީޕީއެމްގެ ބާނީ ރައީސް މައުމޫން ވެސް އެ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ.

ރައީސް މައުމޫންގެ ޕާޓީން އެމަނިކުފާނު ވަކިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.