ޝަހީދާ
28 March 2017
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފެނިގެންދިޔައީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ޖެހިލުންވާވަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފެނިގެންދިޔަ ކަންކަމަކީ މަޖިލީހުގެ ހައިބަތާއި ގަދަރު މުޅިން ގެއްލިގެންދިޔަ ކަމެއް ކަމަށެވެ.

މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ބިރުގަންނަ މިންވަރު އެމަނިކުފާނަށް ފެނިވަޑައިގެންފި ކަމަށް މައުމޫން ވިދާޅިވިއެވެ.

އެފަދަ ހުރިހާ ކަމަކުން ވެސް އެނގިގެން ދަނީ މުޅި ނިޒާމް އިސްލާހުކުރަން ޖެހިފައިވާކަން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުނަގާފައި ވަނީ އަނގަބަހުންނެވެ. ނަމަވެސް އަނގަބަހުން ވޯޓު ނަގާނީތޯ ބެލުމަށް ވޯޓު ނެގީ ސިސްޓަމުންނެވެ.

އަނގަބަހުން ވޯޓު ނެގުމަށް އިދިކޮޅު މެމްބަރުން އިހްތިޖާޖުކޮށް އަޑުގަދަ ކުރަން ފެށުމުން އިދިކޮޅު 13 މެމްބަރަކު ވަނީ މަޖިލީހުގެ ޖަލްސާ އިން ނެރެފައެވެ.

އެގޮތަށް ހެދުމުން އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.

haftha.mv ©