ޝަހީދާ
28 March 2017
މަޤްބޫލު ޙަބަރު

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން ކުރި ދެވަނަ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ވިސާމްގެ މައްޗަށް ކުރި ދެވަނަ ދައުވާ އަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާއެވެ.

އެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާތީ ކަމަށް ބުނެއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖްގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށް އެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

އެ ވީޑިއޯއަކީ ފެށުނީއްސުރެ މެދުކެނޑިގެން ގޮސްފައި ނުވާ ވީޑިއޯއެއްކަން ސާބިތު ނުވާ ކަމަށާއި، އެ ވީޑިއޯ ހުށަހޅާފައިވަނީ ބައިބަޔަށް ކަމަށް ހުކުމްގައި ބަޔާން ކޮށްފައިވެއެވެ.

އެ ވީޑިއޯއިން ވިސާމް ހައްޔަރު ކުރި މަންޒަރު ނުފެންނަ ކަމަށާއި، ފެންނަނީ އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު ކަމަށް ގާޒީ ވިދާޅުވި އެވެ.

ފުލުހުން ބެރިކޭޑް ޖަހާފައިވާ ސަރަހައްދަށް ނޫސްވެރިން ވަނުން މަނާކޮށްފައި ނުވާ ކަމަށާއި، އެވަގުތު ވިސާމް ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅައިގެން ކަމަށާއި ދިފާއީ ހެކިންގެ ހެކި ބަހުން ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

haftha.mv ©