Sun, 23 February, 2020, 2:57 am
ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމްނުވާތީ: އަބްދުﷲ ރިޔާޒް

ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމްނުވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ރިޔާޒް މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފިތުނަ އުފެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލު އަދި ލިބިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ތުހުމަތުތަކެއް ކުރިޔަސް ދުވަހަކު ވެސް ގާނޫނާ ޚިލާފް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ހަޖަމް ނުވެގެން ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް މާތްﷲ ގަންދީ ކުރި ހުވަޔާ ޚިލާފު ކަމެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިއަދު އެގޮތަށް އަމަލު ކުރަމުން ދަނީ ފުލުހުންނާއި މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލް ސަރުކާރުގެ އަތުގައި އޮތުމުން ކަމަށާއި ސަރުކާރުން އުޅެނީ މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް ހުއްޓުވަން ކަމަށް ރިޔާޒް ވިދާޅުވިއެވެ.