.
31 October 2017
މަޤްބޫލު ޙަބަރު

ޤައުމަށް ގެއްލުންވާގޮތަށް މަސައްކަތްކުރާ އެއްވެސް މީހަކަށް މިޤައުމުން ޖާގަ ނުލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން “ފިޔާތޮށި ޖަގަހަ”ގެ ނަމުގައި  މާފަންނުގައި ހުޅުވި އެޕަޓީގެ ޖަގަހަ ހުޅުވައިދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ މި ޙަރަކާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވިދާޅުވީ ދިވެހި ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް މިއީ ދިވެހިން ފަޚުރުވެރިވާ ޤައުމެއްކަމަށާއި، މިބިމަކީ ކާބަފައިންގެ ޖިހާދާއި އެމީހުންގެ ޤުރުބާނުގެ ލެއިން ތަތްތެޅިފައިވާ ބިމެއްކަމަށްވާތީ މިބިމުގެ ޙައްޤު އެންމެހާ ދިވެހިންނަށް ލިބުނު ނަމަވެސް ގައުމަށް ގެއްލުންވާގޮތަށް މަސައްކަތް ކުރާ މީހަކަށް މިގައުމުގައި ޖާގަ ނުލިބޭނެކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ބައެއް ޝޭޚުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގޮތް ކަނޑައެޅިގެން އެނގިތިބެ އަމިއްލަ ފައިދާއަށްޓަކައި ބައެއް ދީނީ ޝޭހުން ނަޝީދު ވެރިކަމަށް އިންތިހާބު ކުރަން2008ގައި  މަސައްކަތްކޮށްފައިވާ ކަމަށާއި، އެގޮތުން ދިވެހިރާއްޖެއަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް އޮތް ބަޔަކަށް ވާތީ، އެމީހުންގެ އެންމެ ހިމަ ނާރުތަކުގައި ޖަހާ ވިންދާ އޭރު ޝޭޚުން ކުޅޭލަފައިވާކަމަށެވެ.

ރޭގެ ހަރަކާތުގައިވެސް ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނު ތަކުރާރުކޮށް ދައްކަވާ އެއްވާހަކައެއް  ތަކުރާރު ކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ  ސަރުކާރުގައި ސިޔާސީ މީހަކު، ސިޔާސީ ސަބަބަކަށްޓަކައި ހައްޔަރު ކޮށްފައިނުވާނެކަމަށާއި، ސިޔާސީ މީހަކު ހައްޔަރު ކުރެވިފައި ވާނަމަ ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ތަންފީޒު ވާނީ ޝަރީޢަތުގެ ހަމަތަކުގެ މަތިން އެމީހަކު ކުރި ކުށަކާ ގުޅިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

“ފިޔާތޮށި ޖަގަހަ”އަކީ މިފަހުން ޕީޕީއެމްއިން ހުޅުވި ތިންވަނަ ޖަގަހަ އެވެ. މީގެކުރިން “ރާސްޓަސް ޖަގަހަ” އާއި މާލޭހިޔާ ހުސްބިމުގައި “ރުމާޅު 2 ޖަގަހަ” ވެރިކަންކުރާ ޕަޓީ ޕީޕީއެމުން ވަނީހުޅުވާފައިވެ އެވެ.

haftha.mv ©