Fri, 3 April, 2020, 6:41 am
އިލްމުވެރިން ކަންކަން ކުރަންވާގޮތް އެނގޭނީ ޖާހިލުންނަކަށް ނޫން: އަލީ ރަމީޒު

ދީނީ އިލްމުވެރިން ކަންކަން ކުރައްވާ ގޮތް އެނގިވަޑައިގަންނަވާނީ ޖާހިލުންނަކަށް ނޫން ކަމަށް ޖަމްއިއްޔަތުލް ސަލަފުގެ އިސް ބޭފުޅެއް ކަމަށްވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ރޭ އިލްމުވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ނުދީސާކޮށް ރައްދުދެއްވައި އަލީ ރަމީޒު ވިދާޅުވީ އިލްމުވެރިން ކަންކަން ކުރަންވާގޮތް އެނގޭނީ އިލްމުވެރިންނަށް ކަމަށެވެ.

އަލީ ރަމީޒު ވިދާޅުވީ އިސްލާމްދީނަށާއި އެ ދީނުގެ އިލްމުވެރިންނަށް ފާޑުކިޔުމަކީ އާ ކަމެއް ނޫން ކަމަށެވެ.

ޖަމްއިއްޔަތުލް ސަލަފުގައި މަސައްކަތް ކުރައްވާ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ޙަސަން މޫސާ ފިކުރީ ވެސް ވަނީ ނުސީދާކޮށް ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދުދެއްވާފައެވެ. ފިކުރީ ވިދާޅުވީ މީހަކަށް އޭނާގެ ދޫ ފިޔަވައި އަދާވާތްތެރިއަކު ނުވާ ކަމަށެވެ.

ދީނީ އިލްމުވެރިންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ރޭ ވިދާޅުވީ އެންމެ ބޮޑެތި ޖާހިލުންނަކީ އެއީ ކަމަށާއި ކަނޑައެޅިގެން އެނގިތިބެ މީހުން މަގު ފުރައްދާ މީހުން ވާވައްދަން ފަތުވާ ދިނުމަކީ އެންމެ ބޮޑު ޖާހިލު އަމަލު ކަމަށެވެ.