Sat, 25 January, 2020, 10:04 am
ތިން މެމްބަރުން ވަކިކުރިކަން މަޖިލީހަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ޕީޕީއެމް އިން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

އެ ތިން މެމްބަރުން ޕީޕީއެމް އިން ވަކިކޮށްފައި ވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެކުރިން ވެސް ޕީޕީއެމް އިން ވަނީ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް ވަކިކޮށްފައެވެ. ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީން ވަކިކޮށްފަ އެވެ. އަދި އެ މެންބަރުންގެ ގޮޑި ހުސްވެފައިވާ ކަމަށް ނިންމައި އިލެކްޝަން ކޮމިޝަނުން ވަނީ ބައި އިލެކްޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެ ބޭފުޅުން މެމްބަރުކަމުން ވަކިވި ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ބައި އިލެކްޝަން ބާއްވައިފިމަ އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.