Sat, 25 January, 2020, 9:39 am
އަނަސް މަރާލާފައި ވަނީ އޮޅުމަކުން: ފުލުހުން

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލާފައި ވަނީ އެހެން މީހަކު ކަމަށް ހީކޮށް އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު ސާމިހު ވިދާޅުވީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:09 ހާއިރު ހަނދުވަރުދޭ ގޯޅިން ލިޓަސް ގަރާޖަށް ވަދެ ނުކުމެ ހަދާ ދޮރާ ދިމާލު މަގުމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގެ މަތީގައި އެކަނި އަނަސް އިންދައި ހަތަރު ސައިކަލެއްގައި ފާޅުކަން ބޮޑުގޮތެއްގައި ވަޅި ހިފައިގެން އަށް މީހަކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އެންޒަރު ފެނިފައި އަނަސްގެ ހިތަށް ވެރިވި ބިރުވެރިކަމެއްގެ ސަބަބުން ދުވެފައި ލިޓަސް ގަރާޖު ތެރެއަށް އޭނާ ވަނުމުން އެމީހުން ގޮސް ވަޅިން ހަމަލާދީފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަށް މީހުންގެ ގްރޫޕުން ލިޓަސް ގަރާޖު ކައިރިއަށް ދިޔައީ އެހެން ގްރޫޕަކަށް ނިސްބަތްވާ ބަޔަކު އެތަނުގައި ތިބިކަމުގެ މައުލޫމާތު ލިބިގެން އެމީހުން މަރާލަން ތައްޔާރުވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުން އެ ސަރަހައްދަށް ދިޔުމުގެ ކުޑަވަގުތުކޮޅެއްގެ ކުރިން އެ ގްރޫޕް މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އަނަސް އަށް ހަމަލާދިނުމަށްފަހު އެ މީހުން ދިޔުމުން އާންމުންގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވި ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު އޭނައަށް އެހީތެރިވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށް ސާމިހު ވިދާޅުވިއެވެ.

އެ މީހުން މޫނު ނިވާކޮށްގެން ތިބިކަމަށް ވިޔަސް އެ އެންމެން މިހާރު ވަނީ ހައްޔަރުކޮށް ދައުވާ އުފުލާފައި ކަމަށް ސާމިހު ވިދާޅުވިއެވެ.