Fri, 3 April, 2020, 6:54 am
އެމްޑީޕީން ފުރާ ރީ ރަޖިސްޓްރޭޝަން ފޯމްތަކުގައި ދަނީ ނުބައި ފިންގަޕުރިންޓް ޖަހަމުން: ހަލީލް

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތައް ފުރުމުގައި އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީއިން ބޮޑެތި މަކަރު ހަދަމުންދާ ކަމަށް ޕީޕީއެމުން އަނެއްކާވެސް ތުހުމަތު ކޮށްފި އެވެ.

އެ ތުހުމަތުތައް ކުރައްވައި ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ހަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކި މީސްމީހުންގެ ނަމުގައި ފޯމް ފުރައި ނުބައި ފިންގާ ޕްރިންޓް ޖަހަމުންދާ ކަމަށެވެ. އަދި އެކި މީހުން ފުރާ ފޯމްތައް ލިބުމުން ވޯޓް ނުލިބޭނެކަން ކަށަވަރުވާނަމަ އެ ފޯމެއް އިލެކްޝަން ކޮމިޝަނަށް ނުފޮނުވާ ނައްތާލަމުންދާ ކަމަށް ވެސް ހަލީލް ވިދާޅުވެފައިވެ އެވެ.

“ރައްޔިތުންނަށް ލިބިފައިވާ ވޯޓް ލުމުގެ ހައްގަށް މިގޮތަށް އަރައިގަތުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. 2008 ގެ އިންތިހާބު ގަޑުބަޑުކުރި ގޮތަށް ރައްޔިތުން ވޯޓުން މަހްރޫމްކޮށްގެން އެ ފުރުސަތު މިފަހަރު ލިބޭނެ ކަމަށް ހީނުކުރާތި،” ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ކުރުމަށް ކަމަށް ބުނެ އެ ކޮމިޝަންގެ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން މިމަހުގެ ތެރޭގައި ކުރި މުޒާހަރާ ހަރުކަށިކޮށް ކުށްވެރިކޮށް ހަލީލް މީގެ ކުރިންވެސް ވަނީ ޕީޕީއެމްއަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. އެގޮތުން އެ މުޒާހަރާއަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް ބިރު ދައްކައިގެން އެ ކޮމިޝަންގެ މިނިވަންކަން ނަގާލުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ކަމަށް އޭރު ހަލީލް ވިދާޅުވެފައިވެ އެވެ.

ރި- ރެޖިސްޓްރޭޝަން ފޯމު ފުރުމުގައި އެމްޑީޕީން މަކަރު ހަދަމުންދާ ކަމަށް ޕީޕީއެމުން ބުނަމުންދާއިރު، އެ ތުހުމަތު އެމްޑީޕީން ވެސް ދަނީ ޕީޕީއެމަށް ކުރަމުންނެވެ. އެގޮތުން ޕީޕީއެމުން ކުރިއަށް ގެންދާ ރީ-ރެޖިސްޓްރޭޝަންގެ ކަންކަމުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބޭނުންކުރަމުންދާ ކަމަށް އިދިކޮޅުން ބުނެ އެވެ.

ރި-ރެޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 11 ވަނަ ދުވަހެވެ. މިހާތަނަށް 17000 އަށް ވުރެ ގިނަ މީހުން ރި-ރެޖިސްޓްރީވާން އެދި ހުށަހަޅާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

Leave a comment

Your email address will not be published.