މުޙައްމަދު އީމާން
31 July 2018
މަޤްބޫލު ޙަބަރު

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުނިކުރަން ސަރުކާރުން އުޅޭ ކަމަށް ބައެއް މީޑިއާތަކުގައި ފަތުރަމުންގެންދާ ވާހަކަތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ދޮގުކޮށްފިއެވެ.

ގާނޫނުލްއުގޫބާތުގައި މިހާރު އޮންނަ ގޮތުން 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމާއި ހިފުމާ ގުޅޭ މާއްދާއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ގާނޫނުލްއަގުބާތަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގައި 510 ގައި ރިޝްވަތުގެ ވާހަކައެއް ނުހިމެނެއެވެ. ކޯޓުތަކުގެ ހުރުމަތް ކެނޑުމާ ބެހޭ މާއްދާ ހިމެނުނު ނަމަވެސް އެ ގާނޫނާއެކު އުވިގެންދާނެ މާއްދާތައް ކަމަށް ބުނެފައިވާ ބައިގައި ވެސް ރިޝްވަތުގެ މާއްދާއެއް ނުހިމެނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކޮރަޕްޝަނާއި ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވާ ބާބަށް މާއްދާތަކެއް އިތުރުކޮށް އާ އިސްލާހު ތަކަކާއެކު މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނިހާން ވިދާޅުވީ އެ ބިލަކީ ގާނޫނޫލްއުގޫބާތަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުތަކާ އެއްކޮށް ވަކިވަކިން އިސްލާހުތަކެއް ގެންނަން ހުށަހެޅި ބިލެއް ކަމަށާއި ރިޝްވަތާއި ކޮރަޕްޝަނުގެ ބާބަށް ގެނެވުނު އިސްލާހުތައް މަޖިލީހަށް ހުށަހެޅި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ކިޔުން ނީއްވާ މަޑުޖައްސާލީ ޕީޕީއެމް ޕީޖީ ގުރޫޕުން އެ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދިއުމުން ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުގައި ދައުލަތުގެ މުވައްޒަފަކަށް ރިޝްވަތު ދިނުމާއި ދައުލަތުގެ މުވައްޒަފަކު ރިޝްވަތުގައި ހިފުމަކީވެސް ކުށެކެވެ. އަދި ބީލަމާ ގުޅޭ ގޮތުން ރިޝްވަތު ދިނުމާއި ރިޝަވަތު ހިފުމަކީވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުންވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮރަޕްޝަނުގެ ކުއްތަކަށްވެސް ވަކިން ބާބެއް އިސްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ރަސްމީ ގަޑީގައި އަމިއްލަ ކަންކަން ކުރުވުމާއި ކޮރަޕްޝަނުގެ އަމަލުން ހޯދާފައިވާ ފައިސާއަށް ބަދަލުގެނައުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އިސްލާހުތައް ނިމިގެން އަންނާނީ އައިބީއާއި އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުތައް އެކުއެކީގައި ކަމަށް ނިހާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©