މުޙައްމަދު އިބްރާހިމް
03 August 2018
މަޤްބޫލު ޙަބަރު

ބްރިޖު މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ މީހުންނަށް އަންނަ ހަފްތާއިން ފެށިގެން ފޯމް ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު، ސިނަމާލެ ބްރިޖު ނިމުމުން އެތަނުގައި ކައިވެނިކުރަން ނުވަތަ ކައިވެނި ޕާޓީ ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް ވެވަޑައިގަތް އެ ވައުދަށް އިޝާރާތް ކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖު މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ ފަރާޓްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލައި، ހައުސިން މިނިސްޓްރީގެ ކައުންޓަރުން ފޯމް ދޫކުރާނެ ކަމަށެވެ.

އަދި ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ބްރިޖު މިދިޔަ މަހުގެ 26 އަށް ނިންމާނެ ކަމަށް އެ މަސައްކަތްކުރާ ކުންފުނިން ބުނި ނަމަވެސް، ބްރިޖު މިހާރު ހުޅުވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ ސެޕްޓެމްބަރު 25 އަށެވެ. ބްރިޖުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ ބްރިޖު މަތީގައި ތާރު އެޅުމާއި ލައިޓް ހަރުކުރުން ފަދަ މަސައްކަތްތަކެވެ.

އެ މަސައްކަތާއެކު ބްރިޖާ ގުޅިގެން ހަދާ މަގުތައްވެސް ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©