Sun, 23 February, 2020, 3:29 pm
ރިލްވާން މައްސަލައިގައި ރައީސް ޔާމީން ޖަވާބުދާރީވާން ޖެހޭނެ: އިބޫ

މީގެ ހަތަރު އަހަރު ކުރީން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުނު މައްސަލަ އަލުން ބަލައި ތަހުގީގު ކުރާނެ ކަމަށާއި އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާބައިދުއަށް ވަޑައިގެން އިބޫ ވިދާޅުވީ، ގދ. މަޑަވެލީގައި މިއަދު ރައީސް ޔާމީން ވާހަކަފުޅުދައްކަމުން ރިލްވާން މަރުވިކަން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށާއި އެއީ ގައުމެއްގެ ވެރިޔަކު ކޮށްގެން ނުވާނެ ކަމެއް ކަމަށެވެ.

“މިއީ ވަރަށް ކުޑާއްމިސްކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، އަޅުގަނޑު ހިތުން ގައުމެއްގެ ވެރިޔަކު ކުރައްވައިގެން ނުވާނެ ކަމެއް އެކުރެއްވީ، ރިލްވާންގެ އާއިލާ އެކަން ހޯދަން ފުލުހަށާއި އެކިއެކި މުއައްސަސާތަކަށް ހިނގި އަދަދު، ލިޔުނު ސިޓީ ގުނާ އަދަދު ނުކުރެވޭނެ، އެއްވެސް ޖަވާބެއް އެއްވެސްތާކުން ނުލިބެ،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލާގައި ތަހްގީގަކާއި ޝަރީއަތެއް ކުރެވިގެން ގޮސްފި ކަމަށާއި ނަމަވެސް ތަހްގީގަށްވެސް ރިލްވާން މަރުވިކަން ހާމެވެފައިނުވާ ކަމަށެވެ.

“މިއަދު އާންމު ބައްދަލުވުމެއްގައި ރާއްޖޭގެ ރައީސް އެ ހާމަކުރެއްވީ އެމަނިކުފާނަށް ކަށަވަރުވެފައިވާކަން ރިލްވާން މަރުވެފައިވާކަން، މިއީ އަޅުގަނޑުމެން މިދަންނަވަނީ ވަރަށް އިހާނެތިކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، ކިހިނެތްތޯ މިއަދު ރިލްވާންގެ އާއިލާ ކެތްކުރާނީ، ކީއްވެތޯ އެމަނިކުފާނަށް އެނގިވަޑައިގަންނަވާއިރުގައި ތަހުގީގަށް ހާމަ ނުކުރެއްވީ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ދެފުށްފެންނަ ހާމަކޮށް އެކަން އަލުން ތަހްގީގްކޮށް އެކަމަށް ވީނުވީއެއް އަޅުގަނޑުމެން ހޯދާނަން، އެދުވަހުން ރައީސް ޔާމީން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ،” އިބޫ ވިދާޅުވިއެވެ.

Leave a comment

Your email address will not be published.