މުޙައްމަދު އީމާން
09 August 2018
މަޤްބޫލު ޙަބަރު

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ނުވަތަ އެފަދަ ނަމެއް ބޭނުންކޮށްގެން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އީސީ އިން އެގޮތަށް ބުނެފައިމިވަނީ، މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި ހަރަކާތްތަކެއް ފަށާފައިވަނިކޮށެވެ.

މައުމޫން އިސްވެ ހުންނަވައި އުފެއްދި ޕީޕީއެމްގެ ކުލައިގެ ގޮތުގައި ވެސް ބޭނުންކުރަމުންދާ ފިޔާތޮށި ކުލައިގެ ދިދަތަކެއްގައި “އެމްއާރުއެމް” ޖަހައިގެން މައުމޫނަށް ތާއީދު ކުރާ ބަޔަކު އެންމެ ފުރަތަމަ ފެނިގެންދިޔައީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެނޑިޑެސީ ފޯމް އީސީއަށް ހުށަހެޅުއްވުމަށް ދިޔަ ދުވަހުއެވެ.

އީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ޕާޓީތަކުންނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ހަރަކާތްތައް، ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ކޮށްގެން ނުވާނެ ތިން ކަމެއް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ފަދައިން، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ބުނެފައިވެއެވެ.

އަދި ސިޔާސީ ޕާޓީތަކުން، އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިނުވާ ނަންތަކެއް ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާކަން ފާހަގަކޮށް، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިނުވާ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން ރަޖިސްޓަރީ ކުރެވިފައިނުވާ ނަމެއް ބޭނުން ކޮށްގެން ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވުމަށް ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.

އީސީގެ ބަޔާން ނިންމާލަމުން ބުނީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©